ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް 2022" ގެ ޗެމްޕިއަންކަން އޭލިއަންސް ސްޕޯޓްސްއިން ކާމިޔާބު ކޮށްފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު މިދިޔަ ހުކުރު ދުވަހުގެ ރޭ ބާރަށު ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ އޭލިއަންސް ސްޕޯޓްސްއާއި ވިއޯރާ ސިޓީއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 7-7 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީން 11-10 އިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އޭލިއަންސް ސްޕޯޓްސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އޭލިއަންސް ސްޕޯޓްސްގެ އަބްދުﷲ ޝާފިއުއެވެ.

Ad
rt

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

  • އަބްދުﷲ ޝައްފާން – ވިއޯރާ ސިޓީ
  • ހަސަން ސޮލާހް – ވިއޯރާ ސިޓީ
  • މުޙައްމަދު ޝާން – ކެޕިޓަލް ސިޓީ
  • އަބްދުﷲ ޝާފިއު – އޭލިއަންސް ސްޕޯޓްސް
  • އަބްދުﷲ މިސްބާހް – އޭލިއަންސް ސްޕޯޓްސް

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރުއަކަށް ވިއޯރާ ސިޓީގެ އަބްދުﷲ ޝައްފާން ހޮވުނުއިރު، އެންމެ އުންމީދީ ކުޅުންތެރިއާއަށް ހޮވިފައި ވަނީ އެ ޓީމްގެ މުޙައްމަދު ޒަޔާންއެވެ. މުބާރާތުގެ ރަނަރަޕް ޓީމަކީ ވިއޯރާ ސިޓީއެވެ.

މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ޖުމްލަ 8 ޓީމް ބައިވެރިވެފައި ވެއެވެ. އެ ޓީމްތަކަކީ އޭލިއަންސް ސްޕޯޓްސް، ވިއޯރާ ޔުނައިޓެޑް، ވިއޯރާ ސިޓީ، އެފްސީ ރާދެ، ކެޕިޓަލް ސިޓީ، ކެޕިޓަލް ބޯއީސް، ވިއޮރެންސްގެ އިތުރުން ކެޕިޓަލް ޖޫނިއާރސްއެވެ.

މި މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލް މިރޭ ކުޅުމަށް ވަނީ ހަމަ ޖެހިފައެވެ. މިރޭ 20:20 ގައި ބާރަށު ފުޓްސަލް ދަނޑުގައި ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ އޭލިއަންސް ކްއީންސްއާއި ވިއޯރާ ސްޕަރ ކްއީންސްއެވެ.

މި މުބާރާތުގެ އަންހެން ކެޓަގަރީގައި ބައިވެރިވެފައި ވަނީ ތިން ޓީމެކެވެ. އެ ޓީމްތަކަކީ އޭލިއަންސް ކްއީންސް، ވިއޯރާ ސްޕްރ ކްއީންސްގެ އިތުރުން ފެހިތަރިއެވެ.

މިއީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން މި މުބާރާތް ބޭއްވި ދެވަނަ ފަހަރެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ބާރަށުގައި ފުޓްސަލް ކުޅުމުގެ ރޫޙު އާލާކޮށް، ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން ޤާއިމުކޮށް، ގުޅުން ބަދަހި ކުރުމެވެ.