ރައީސް ސާލިހުގެ އިކޮނޮމިކް ޕޮލިސީގެ ތެރެއިން ރާއްޖޭގެ އިގްތިސާދު މެނޭޖު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށާއި އެކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ފާހަގަކުރައްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އިގްތިސާދަށް އަންނަ ގޮންޖެހުންތަކާއެކު، އޭގެ ނޭދެވޭ އަސަރު ރައްޔިތުންގެ ޖީބަށް ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމަށްޓަކައިި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ދާނެ ކަމަށެވެ.
އެގޮތުން ޓެކްސް އަށް ގިނައި ބަދަލަކީ ވެސް ރާއްޖޭގެ އިގްތިސާދު މެނޭޖު ކުރުމަށް ކަމަށާއި ރާއްޖެ ސަރަހައްދުގެ އެހެން ގައުމުތަކަށް ދިމާވި ފަދަ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެފަދަ ކަމެއް މެދުވެރިވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
"އިގްތިސާދު މިއަހަރު ގާތްގަޑަކަށް 12.3 އިންސައްތަ ކުރިއަށް އަރާނެ. އަންނައަހަރު ގްރޯތްފޯކާސްޓު ގާތްގަޑަކަށް 7.6 އިންސައްތަ ކުރިއަރާނެ. އެހެންވީމަ. އިގްތިސާދު އިރާދަކުރެއްވިއްޔާ ރަނގަޅަށް މިއޮތީ. ފޯކާސްޓު ކުރެވެނީ ވެސް ރަނގަޅަށް." މިއުވާން ވިދާޅުވި އެވެ.
ދުނިޔޭގެ އިގްތިސާދަށް އަންނަ ގޮންޖެހުންތަކާއި ކޮވިޑުގެ ސަބަބުން އިގްތިސާދަށް އައި އަޑިގުޑަންތަކުން އަދިވެސް އެއްކޮށް އަރައިނުގަނެވޭކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ގައުމުތަކުގެ އިގްތިސާދު އަލުން ކޮޅަށް ޖެހިތަނާ ފެށުނު ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ވެސް ވަރަށްބޮޑު ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.
އެހެންނަމަވެސް މި ހުރިހައި ސަބަަބުތަކާއެކު ވެސް ރާއްޖޭގެ އިގްތިސާދު ދަނީ މެނޭޖު ކުރަމުން ކަމަށާއި ރާއްޖެ ބަގުރޫޓެއް ނުވާނެ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވެފައިވާއިރު، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ވަނީ މިދިޔަ ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހު ވަނީ ތަސްދީގު ކުރައްވާފަ އެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ. އެ ގޮތަށް ގޮތައް ނިންމައި، މި ބިލު ފާސްކުރީ މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 39 ވަނަ ޖަލްސާގަ އެވެ.
މި އިސްލާޙް ގެންނެވި ސަބަބެއް ގޮތުގައި ސަރުކާރުން ވިދާޅުވެފައި ވަނީ، ކޯވިޑް-19ގެ ސަބަބުންނާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ދަޢުލަތުގެ ޚަރަދުތައް މަތިވެ ދަރަނި ބޮޑުވުމާއި ގުޅިގެން ދަރަނި ކުޑަކޮށް ފިސްކަލް ސަސްޓެއިނަބިލިޓީ ކަށަވަރުކުރުމާއި، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ދައުލަތުގެ އާންމްދަނީ އިތުރުކުރުމެވެ.
މި އިޞްލާހުގެ ތެރެއިން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޖީ.އެސް.ޓީ. އާއި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޖީ.އެސް.ޓީގެ ރޭޓު މަތިކުރުމަށްޓަކައި މި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ވަނީ ގެނެސްފަ އެވެ.
އެގޮތުން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް 1 ޖަނަވަނީ 2023 އިން ފެށިގެން 16 އިންސައްތަކަމުގައި ކަނޑައަޅާފައިވާއިރު، ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ނެގޭ ޖީ.އެސް.ޓީ 1 ޖަނަވަނީ 2023 އިން ފެށިގެން 8 އިންސައްތަ ކަމުގައި ވަނީ ކަނޑައަޅާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!