އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވާފައިވާ ދައުލަތުގެ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާ ކުރި ކޮމެޓީގެ ރިޕޯޓަށް ވޯޓަށް އަހާފައެވެ.
ބަޖެޓް މަޖިލީހުން ފާސްކުރުމަށް ނެގި ވޯޓުގައި 61 މެންބަރަކު ވަނީ ބަޖެޓް ފާސް ކުރުމަށް ވޯޓު ދެއްވާފައެވެ. އަދި ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް 8 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފިނޭން މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އެ ދުވަހު ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިގްތިސާދީ ކޮމެޓީ ހިމެނޭގޮތަށް އެކުލަވާލާފައިވާ ބަޖެޓް ކޮމެޓީން އެ ބަޖެޓް ދިރާސާކުރުމަށްފަހު ބަޖެޓް ފާސްކޮށްފައި ވަނީ، ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ހުށަހެޅުނު އިސްލާހުތަކާއެކު އިތުރު 160.5 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނުމަށްފަހުއެވެ.
މިއަދު މަޖިލީހުން ފާސްކުރީ ބަޖެޓް ކޮމެޓީން ނިންމިގޮތަށް ޖުމްލަ 42.8 ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރައްވާފައިވާ ބަޖެޓުން ހާސިލްކުރަން ބޭނުންވާ އެންމެ ބޮޑު އަމާޒަކީ ކޯވިޑާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމައާއިއެކު ދިމާވި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެވި ގޮތެއްގައި ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށް އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު މަޖިލީހަށް ބަޖެޓް ހުށަހަޅައި ދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު މަޖިލީހުން ފާސްކުރިއިރު، ބަޖެޓްގެ ކޮމިޓީ ރިޕޯޓަށް އިދިކޮޅު މެމްބަރުންނާއި ސަރުކާރަށް ތާއީދުކުރާ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ބައެއް އިސްލާހް ހުށަހަޅުއްވާފައިއެވެ. ނަމަވެސް މިއިން އެއްވެސް އިސްލާހެއް ތަޅުމުން ފާސްވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!