ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި މިރޭ ބެލްޖިއަމާއި މޮރޮކޯ ބައްދަލުކުރި މެޗު މޮރޮކޯއިން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުގެ އުންމީދު އެ ޓީމުން ބޮޑު ކޮށްފިއެވެ.

މިރޭ ގަތަރުގެ ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މެޗު މޮރޮކޯއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ފުރުޞަތު ވަނީ ލިބިފައެވެ. މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލާފައި ވަނީ ބެލްޖިއަމުންނެވެ. މޮރޮކޯގެ އޭރިއާތެރެއިން ބެލްޖިއަމްގެ ފޯވާޑް ބަޓްޝުއާއީއަށް ލިބުނު ބޯޅަ އޭނާ މޮރިކޯގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ނަމަވެސް އެ ބޯޅަ މޮރޮކޯގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް ވަނީ ބާރު ހަމަލާއެއް ފޮނުވާލާފައެވެ. އެ ހަމަލާ ވެސް ވަނީ މޮރޮކޯގެ ކީޕަރު މަތަކޮށްފައެވެ.

އޭގެ އިރުކޮޅެއް ފަހުން މޮރޮކޯގެ ބޮއުފަލް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އޭނާ ފޮނުވާލި ހަމަލާ ވެސް ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ބެލްޖިއަމްގެ މާޓެންސްވަނީ މޮރޮކޯގެ އޭރިއާ ބޭރުގައި ހުރެ ބާރު ހަމަލާއެއް މޮރޮކޯގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. އެ ހަމަލާ ވެސް މިރޭ މެޗުގައި މޮޅު ކުޅުމެއް ދެއްކި މޮރޮކޯގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

މެޗުގައި މޮރޮކޯއިން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ ލިބުނު ހިލޭ ޖެހުމަކުން ސަބްރީ ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ މެޗުގެ 75 ވަނަ މިނެޓުގައެވެ.

މޮރޮކޯއިން ލީޑު ފުޅާކޮށްފައި ވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭ ޒަކަރިއާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ޒިޔެޗްގެ އެހީތެރިކަމާއި އެކުގައެވެ.

މި މޮޅާއިއެކު މި ގްރޫޕްގެ އެއްވަނައަށް މޮރޮކޯ ވަނީ ޖެހިލާފައެވެ. މިރޮކޯއަށް ދެ މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ދެވަނާގައި އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ބެލްޖިއަމެވެ. ތިންވަނާގައި އެއް ޕޮއިންޓާއިއެކު ކޮރޭޝިއާ އޮތްއިރު، ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި ކެނަޑާއެވެ.

މިރޭ 21:00 ގައި ކެނަޑާއާއި ކޮރޭޝިއާ ބައްދަލުކުރާއިރު، މުބާރާތުގައި ކުރިއަށް ދާން ބޭނުންނަމަ ކެނަޑާއަށް މޮޅުވުން މަޖުބޫރެވެ.