ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި މިރޭ ޑެންމާކާއި ފްރާންސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ފްރާންސް ޖާގަ ހޯދައިފިއެވެ.
މިރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު ފްރާންސުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ފްރާންސުންނެވެ. މެޗުގައި ފުރަތަމަ ހަމަލާ ފޮނުވާލާފައި ވަނީ ފްރާންސުންނެވެ. ޑެމްބެލޭ ޑެންމާކްގެ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ ރެބިއުޓް ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ޑެންމާކްގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.
ފުރަތަމަ ހާފުގައި ޑެންމާކުން ވެސް ވަނީ ފްރާންސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ކައުންޓް އެޓޭކެއްގައި ތަނަވަސްވީ ފުރުޞަތެއްގައި ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ޑެންމާކްގެ ކޮނެލިއަސް ފްރާންސް ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި ޑެންމާކުން ވަނީ ބޯޅަ ގިނަވަގުތު ހިފަހައްޓައިގެން ކުޅެން މަސައްކަތް ކޮށްފައެވެ. ނަމަވެސް ދެވަނަ ހާފުގައި ވެސް ފުރަތަމަ ހަމަލާ އުފެއްދީ ފްރާންސުންނެވެ. އެމްބާޕޭ ޑެންމާކް އޭރިއާގެ ކަނާ ދިމާ ބޭރުން ގޯލާއި އަމާޒުކޮށް ފޮނުވާލި ހަމަލާ ޑެންމާކްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހުން ފްރާންސްގެ ގްރިޒްމަންއަށް ލިބުނު ފުރުޞަތުގެ ބޭނުން ވެސް ހިފޭގޮތެއް ނުވިއެވެ.
ފްރާންސުން މެޗުގެ ލީޑް ފުރަތަމަ ފަހަރަށް ނެގީ މެޗުގެ 61 ވަނަ މިނެޓުގައެވެ. އޭސީ މިލާނަށް ކުޅޭ ޑިފެންޑަރު ތިއޯ ހެނާންޑޭޒް ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ދިން ބޯޅަ އެއް ފަހަރުން ޖަހާ ގޯލްގެ ތެރެއަށް ވައްދާލާފައި ވަނީ އެމްބާޕޭއެވެ.
ޑެންމާކުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 68 ވަނަ މިނެޓުގައެވެ. ޑެންމާކަށް ލިބުނު ކޯނަރެއްގައި މި ގޯލް ބޮލުން ކާމިޔާބުކޮށް ދިނީ ބާސެލޯނާ އަށް ކުޅެމުން އަންނަ ޑިފެންޑަރު ކްރިސްޓެންސަންއެވެ.
ފްރާންސަށް މެޗުގައި ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ 86 ވަނަ މިނެޓުގައި އެމްބާޕޭއެވެ. މިއީ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ގްރިޒްމަން ނަގައި ދިން ރީތި ބޯޅައެއްގައި އެއް ފަހަރުން ގޯލަށް ވައްދާލައިގެން އެމްބާޕޭ ކާމިޔާބުކުރި ލަނޑެކެވެ.
މި ނަތީޖާއާ އެކު، މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރި ފުރަތަމަ ޓީމަކަސް ފްރާންސް މިވަނީ ވެފައެވެ. ދެ މެޗުން މޮޅުވެ، އެ ޓީމު އޮތީ ހަ ޕޮއިންޓާ އެކުގައި ގްރޫޕް ޑީގެ އެއް ވަނައިގައެވެ. ދެވަނައިގައި ތިން ޕޮއިންޓާ އެކުގައި އޮތީ މިއަދު ޓިއުނީޝިއާ 1-0 އިން ބަލި ކުރި އޮސްޓްރޭލިއާއެވެ. އެއް ޕޮއިންޓާ އެކުގައި ގްރޫޕްގެ ތިނެއް އަދި ހަތަރު ވަނައިގައި އޮތީ ޑެންމާކާއި ޓިއުނީޝިއާއެވެ.
މި ގްރޫޕްގެ ފަހު މެޗުގައި ފްރާންސް ނުކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށެވެ. އަދި އޮސްޓްރޭލިއާ ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ. މި ގްރޫޕްގައި ހިމެނޭ ތިން ޓީމަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!