ސަން ސިޔާމްގެ ރިސޯޓެއްގެ ލޯންޗެއް ފޭރިގަތް މައްސަލައެއް ކްރިމިނަލް ކޯޓުން ބަލައިނުގަތުމަށް ނިންމި ނިންމުން ހައިކޯޓުން ދަމަހައްޓައިފި އެވެ.
އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ރިސޯޓެއްގެ ލޯންޗެއް ނ. ވެލިދޫ މީހަކު ފޭރިގަނެގެން ގެންދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭނާ ލޯންޗް ހިފައިގެން ދަނިކޮށް ފުލުހުން އޭނާ ކަނޑުމަތިން ހުއްޓުވުމުން ފުލުހުންނަށް ވަޅިއަކުން ބިރު ވެސް ދެއްކި އެވެ.
އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވުމުން އެ ކޯޓުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ އެ މައްސަލަ ދައުވާލިބޭ މީހާ އުޅޭ ރަށުގެ މެޖިސްޓްރޭޓް ކޯޓުން ބަލަންޖެހޭ މައްސަލައެއް ކަމަށް ބުނެ އެވެ.
ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓުން އިއްޔެ ނިންމީ ކޯޓުތަކުގެ ގާނޫނުގައި މެޖިސްޓްރޭޓް ކޯޓަށް ނުބެލޭނެ ބާވަތުގެ މައްސަލަތަކުގެ ތެރޭގައި އެފަދަ މައްސަލަތައް ނުހިމެނޭ ކަމަށެވެ. އެހެންވެ، ކްރިމިނަލް ކޯޓުން އެ މައްސަލަ ނުބަލަން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކުރި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!