މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފްރާންސް ޓީމާއިއެކު ފަރިތަކުރަމުން ދަނިކޮށް އަނިޔާވެ އެ ޓީމްގެ ފޯވާޑް ކްރިސްޓޮފަރ އެންކުންކޫއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަން ޔަޤީން ވުމުން، އެންކުންކޫގެ ބަދަލުގައި ފްރާންސް ސްކޮޑުން ރަންޑަލް ކޯލޯ މުއާނީއަށް ފުރުޞަތު ދީފިއެވެ.
ޖަރުމަނު ލީގުގެ ފްރޭންކްފާޓަށް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ މުއާނީއަކީ މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ މި ސީޒަންގައި ފްރޭންކްފާޓަށް ކުޅެދިން 23 މެޗުގައި 8 ލަނޑު ޖަހާފައެވެ.
މިފަހަރު ވޯލަޑް ކަޕަށް ފުރަތަމަ ފްރާންސުން އެކުލަވާލި ޓީމުން މުއާނީއަށް ފުރުޞަތު ނުލިބުނު ނަމަވެސް މި އަހަރުގެ ސެޕްޓެމްބަރ މަހު ނެޝަނަލްސް ލީގުގައި ފްރާންސް ކުޅުނު ދެ މެޗެއްގައި އޭނާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ. އެއީ ފްރާންސާއި ޑެންމާކް ބައްދަލުކުރި މެޗާއި ފްރާންސާއި އޮސްޓްރިއާ ބައްދަލުކުރި މެޗުގައެވެ.
ރިޕޯޓްތައް ބުނާގޮތުން އެންކުންކޫއަށް އަނިޔާވެފައި ވަނީ އަންގާރަ ދުވަހު ބޭއްވި ފަރިތަކުރުންތަކުގެ ތެރޭ، ރެއާލް މެޑްރިޑްގެ ޒުވާން މިޑްފީލްޑަރ ކަމަވިންގާ އެންކުންކޫއަތުން ބޯޅަ ހޯދުމަށް ޗެލެންޖް ކުރުމުގެ ތެރޭގައެވެ.
ޗެމްޕިއަން ފްރާންސްގ އިންޖަރީ ލިސްޓަށް އެންކުންކޫ އިތުރުވީއިރު، ފްރާންސް މިފަހަރު ވޯލްޑް ކަޕަށް ދާނީ އަނިޔާގެ ސަބަބުން މުހިންމު ބައެއް ކުޅުންތެރިން ޓީމްގައި ނުހިމަނައެވެ. އެގޮތުން ބަލާއިރު ފްރާންސްގެ މިޑްފީލްޑަރ ޕޮގްބާ އަދި ކަންޓޭ ވެސް އަނިޔާގެ ސަބަބުން ޓީމުން ވަނީ ބާކީ ކޮށްފައެވެ. އަދި ފަހުވަގުތު ޑިފެންޑަރ ކިމްޕެމްބޭއަށް ވަނީ އަނިޔާގެ ސަބަބުން ޓީމުން ފުރުޞަތު ގެއްލިފައެވެ. ލިސްޓުގައި ހިމެނި ނަމަވެސް ޑިފެންޑަރ ރަފޭލް ވަރާނޭ ވެސް އަދިވެސް އަންނަނީ އަނިޔާއިން ރިކަވަރ ވާން މަސައްކަތް ކުރަމުންނެވެ.
މިފަހަރު ވޯލްޑް ކަޕްގައި ފްރާންސް އޮތީ ގްރޫޕް ޑީގައެވެ. ފްރާންސް މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހު 22 ވަނަ ދުވަހު ނުކުންނާނީ އޮސްޓްރޭލިއާއި ދެކޮޅަށެވެ. ދެން މި ގްރޫޕްގައި ހިމެނެނީ ޑެންމާކާއި ޓިއުނީޝިއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!