ހއ. އުތީމުގައި ހިންގި ދަނޑުވެރިކަމާބެހޭ ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ.
އުތީމު ކައުންސިލުން ވިދާޅުވިގޮތުގައި މި ތަމްރީން ޕްރޮގްރާމަކީ، މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އެރަށުގައި ހިންގި ޕްރޮގްރާމެކެވެ.
ދިހަ ދުވަހުގެ މުއްދަތައް ހިންގި މި ޕްރޮގްރާމް ނިންމުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ވަނީ މި ޕްރޮގްރާމް ފުރިހަމަ ކުރި 26 ބައިވެރިންނަށް ސެޓްފިކެޓް ދީފައެވެ.
އުތީމު ކައުންސިލް ރައީސް އަބުދުﷲ ރަޝީދު ''ތިލަދުން'' އަށް ވިދާޅުވީ، މި ޕްރޮގްރާމަކީ އުތީމުގައި ދަނޑުވެރިކަން އާލާކޮށް، ދަނޑުވެރިން އުފެއްދުމުގެ ބޭނުމުގައި މިފަދަ ޕްރޮގްރާމެއް ހިންގައި ދިނުމަށް އެދި ދަނޑުވެރިކަމާބެހޭ ވުޒާރާގައި ދެންނެވުމުން ފަހިކޮށްދެއްވި ފުރުސަތެއްގެ ދަށުން ހިންގުނު ޕްރޮގްރާމެއް ކަމަށެވެ.
''މިއީ ދަނޑުވެރި ރަށަކަށް ނުވިޔަސް ކޯވިޑުން ފެށިގެން މިރަށުގައި މިކަންކުރެވޭތޯ ބެލުމަށް ހާއްސަ އިސްކަމެއް ދީގެން ކައުންސިލުން މިއަންނަނީ ކަންކަން ކުރަމުން، މިކަން ރަނގަޅަށް ކުރެވޭނީ ކަމުގެ މައުލޫމާތާއި ހުނަރު ހުރެގެންކަމަށްވާތީ މިފަދަ ޕްރޮގްރާމެއް ހިންގައިދޭން މިނިސްޓަރު ހުސައިން އަރިހުގައި ކައުންސިލުން އެދުނީ، މިނިސްޓްރީން އެކަމަށް އިޖާބަދެއްވައި މިކަން ވަރަށް ފުރިހަމައަށް ކޮށްދެއްވައިފި، މިއީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް، މިކަމަށްޓަކައި ހާއްސަގޮތެއްގައި މިނިސްޓަރު ޑރ. ހުސެންއަށް ޝުކުރުއަދާކުރަން'' ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވިގޮތުގައި މި ޕްރޮގްރާމްގައި ވަނީ ތިޔަރީ ބަޔާއި އަމަލީ ބައި ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްގެ ދަށުން ގަހެއް ހައްދާނެ ގޮތާއި، ބެޑް ތައްޔާރު ކުރާނެ ގޮތާއި، ބޭހުގެ ބޭނުމާއި، ބޭނުންކުރަންޖެހޭ މިންވަރާއި، ގޮތް އަދި މިނޫންވެސް ދަނޑުވެރިކަމާބެހޭ ޢާންމު މައުލޫމާތު ވަރަށް ފުރިހަމައަށް ކިޔައިދިންކަމަށް ރަޝީދު ވިދާޅުވިއެވެ.
''މައިގަނޑު ގޮތެއްގައި ގަހެއް ހެދިބޮޑުވުމުގައި ގަސް އިންދައިގެން ބޮޑުވުމާއި ހަމައަށް ކަންކުރަންވިންގޮތް ކިޔައިދިން، ރޭގަނޑު ތިޔަރީ ކިލާސްތައް އޮންނަނީ، ދުވާލު އޮންނަނީ ދަނޑުތަކުގައި ޢަމަލީ ބައި، ބައިވެރިން ލައްވާ އަމަލީ ގޮތުން ކުރުވައިގެން ދަސްކޮށްދިނީ، ބަރަބޯ ވެލެއްނަމަ އެވެލަށް، ކަރާ ވެލެއްނަމަ އެވެލަށް ބޭސް އަޅަންޖެހޭ މިންވަރާއި، ގޮތް، ބިންގަންޑު ތައްޔާރުކުރާނެ ގޮތް، ޖެހިދާނެ ބަލިތައް، އެބަލިތަކުން ރައްކާތެރިކުރާނެގޮތް، ބަލިތަކަށް ޖަހަންޖެހޭ ބޭސްތަކަކީ ކޮބައިކަން، މިހެންގޮސް މުހިންމު އެތައް މައުލޫމާތެއްދިން'' ރަޝީދު ވިދާޅުވިއެވެ.
ޕްރޮގްރާމްގެ ބައިވެރިން އަމަލީ ތަޖުރިބާ ހޯދުމުގެ ތެރެއިން، ފޮޓޯ: އުތީމު ކައުންސިލް
ރަޝީދު ވިދާޅުވީ، މި ޕްރޮގްރާމްގައި ވެށި ރައްކާތެރިކުރުމަށް އިސްކަންދީގެން ދަނޑުވެރިކަން ކުރާނެ ގޮތްތައް ވެސް ކިޔައިދިން ކަމަށެވެ. އަދި އުތީމުގައި ދަނޑުވެރިން އުފެއްދުމަށް ކައުންސިލުން ކުރާ މަސައްކަތަށް މި ޕްރޮގްރާމުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ކޯވިޑްގެ އާލަމީ ވަބާގައި މުޅި ދުނިޔެ ހުއްޓުނު ދުވަސްވަރު، އުތީމު ކައުންސިލުން ވަނީ އެރަށުގައި ދަނޑު ހެއްދުމުގެ މަސައްކަތް ކުރުމަށް ރައްޔިތުންނަށް ފުރުސަތު ފަހިކޮށްދީފައެވެ. މިގޮތުން އެރަށުން 44 ދަނޑެއް އެއްވެސް ކުއްޔަކާއިނުލާ 3 އަހަރަށް ހިލޭ ދޫކުރިއެވެ. އޭގެ ފަހުން މިހާރު ވަނީ، ދަނޑު ބިމެއްގައި 2000 އަކަފޫޓް ހުންނަ 40 ދަނޑެއް، އަކަފޫޓެއް 5 ލާރީގެ މަގުން ދޫކޮށްފައެވެ.
މީގެ އިތުރުން އުތީމު ކައުންސިލުން ވަނީ ''އުތީމު މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ރުކެއް" ނަމުގައި ޕްރޮގްރާމެއް ހިންގާފައެވެ. އެރަށުގެ މީހުން ދިރިއުޅޭ 125 ގޭބިސީއަށް ކޮންމެ ރުކަކާއެކު މެލޭޝިއާ ކާއްޓެއް ހަވާލުކޮށްގެން، އެ ކާށި އިންދައި އެއިން އަންނަ ރުއް އެ ރުކެއް ހަވާލުވި ގޭބިސީއަކުން ހައްދާ ބޮޑުކުރާގޮތައް ހިންގާ މިޕްރޮގްރާމް ހިންގަމުން ދަނީ އެކަމަށް ކައުންސިލުން ހަދާފައިވާ ހާއްސަ އުސޫލެއްގެ ދަށުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!