ދިވެހި ފަންނާނުންގެ ހުނަރުތައް ދައްކާލުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ނޫވިލު ސީޕްލޭން ޓާމިނަލްގައި ކުރިއަށްދާ މައުރަޒު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ބައްލަވާލައްވައިފިއެވެ.
ނެޝެނަލް ސެންޓަރ ފޮރ ދި އާރޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މައުރަޒަކީ، ރާއްޖޭގެ ފުންނާބު އުސް އަދި ކުރި އަރަމުން އަންނަ ފަންނާނުންގެ ހުނަރުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރުކުރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ނޫވިލު ސީޕްލޭން ޓާމިނަލްގައި ކުރިޔަށް ގެންދާ މައުރަޒެކެވެ.
މި މައުރަޒުގައި ސީ ޕެލޭން ޓާމިނަލްގެ 12 ޕެނަލެއްގައި ދައްކާލަން ބަހައްޓާފައިވާ ކުރެހުންތަކުގެ ތެރޭގައި ނެޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަންގައި ހިމެނޭ 20 ކުރެހުމެއް ހިމެނެއެވެ.
ދިވެހި ފަންނުވެރިންގެ ކުރެހުންތައް ސީ ޕްލޭން ޓާމިނަލްގައި ދައްކާލުމަށްޓަކައި ބެހެއްޓުމުގެ ބޭނުމަކީ އެތަނަށް ޒިޔާރަތްކުރާ، ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ފަރާތްތަކަށް ފަންނާނުންގެ މަސައްކަތްތައް އިޝްތިހާރުކޮށް އެތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުން ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މިއުޒިކީ ފަންނާނުންނަށް ވެސް މި ޕްލެޓްފޯމް މެދުވެރިކޮށް އެ ފަރާތްތަކުގެ ހުނަރުތައް ދެއްކުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.
މި މަޢުރުޒު ބައްލަވާލެއްވުމުގެ އިތުރުން ރައީސް ޞާލިޙް އިއްޔެ ވަނީ ފަންނުވެރިންނާއި، ކަމާ ގުޅޭ ޖަމުޢިއްޔާތަކުގެ ބޭފުޅުންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލައްވައި ފަންނުވެރިންގެ އުފެއްދުންތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މި ޕްލެޓްފޯމަކީ ފަތުރުވެރިން ރާއްޖެ އަންނަ ޕީކް ސީޒަންގައި ފަންނާނުންނަށް ހުޅުވިފައި ހުންނާނެ ފުރުޞަތެއް ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!