ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމަވައިލައްވާފައި ވަނީ ގަވާއިދާ ހިލާފަަށް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވި މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މަޖިލިސް މެންބަރު ހަސަން އަފީފު ރިޔާސަތުގައި އިންނަވައިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް، ޓެކްސް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ވޯޓަށް އެހޭ ވަރަށް ސާގެ ކޯރަމް ހަމަނުވާތީ ޖަލްސާ ނިންމަވައިލެއްވުމުން މެމްބަރުން ނުރުހުން ފާޅުކުރެއްވުމުން ނެވެ.

Ad
rt

ނަޝީދު ވިދާޅުވީ ކުރިއަށް ގެންގޮސްފައި އޮތީ ބަހުސްގެ މަސައްކަތް އެކަނި ކަމަށާއި ބަހުސަށް ހުޅުވައިލުމާއި މަޖިލިިސް ނިންމާލުމާ ދެމެދު މަޖިލީހުގެ ރިޔާސަތުން ވިދާޅުވާ ވާހަކަތައް ޔައުމިއްޔާ ކުރެވޭނެ ކަމަށެވެ.

"އެހެންވެ މަޖިލީހުގެ ނިންމުން ގަވާއިދާ ހިލާފު ކަމަށް މެންބަރުންނަށް އޮޅިވަޑައިގެންފައިވާތީ އަޅުގަނޑު މި ދެންނެވީ" ނަޝީދު ވިދާޅުވި އެވެ.

އިއްޔެގެ ޖަލްސާގެ އެޖެންޑާގައި ކޮމިޓީތަކުން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި ހަމައެކަނި އޮތީވެސް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް އެކަންޏެވެ. މިއީ ސަރުކާރުން ހުށަހަޅާފައިވާ ބިލެކެވެ.

ނަމަވެސް މަޖިލިސް ޖަލްސާގެ ފަހު ދަންފަޅީގައި، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި ގަރާރުގެ ބަހުސްގެ ވަކި ހިސާބަކުން، އެ ގަރާރަށް ވާހަކަދަައްކަވަން އެދިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެ ވަގުތު ޖަލްސާގައި ތިއްބެވި މެންބަރުން ވާހަކަދައްކަވައި ނިމުމުން އަފީފު ވިދާޅުވީ އެ ގަރާރުގެ ބަހުސް ނިންމާ ނުލައި، ކޮމެޓީން ހުށަހަޅާ ކަންތަކުގެ ގޮތުގައި އެޖެންޑާގައި ދެން އޮތް ޓެކްސް ބިލުގެ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ހުށަހެޅި ރިޕޯޓަށް އެއްވެސް އިސްލާހެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެ ހިސާބުން މެންބަރުން އަޑުގަދަކުރަން ފައްޓަވައި، މަޖިލީހުގެ ކޯރަމް ނުގެއްލޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވިއިރު، އަނެއްބައި މެންބަރުން އަޑުގަދަ ކުރެއްވީ، ބިލަށް ވޯޓަށް އެހުމުގެ ކުރިން ޖަހާ ފަސް މިނެޓުގެ ރަނގަބީލު ނުޖަހައި އެގޮތަށް ނުނިންމޭނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައިވާގޮތުން މަޖިލިސް ތަޅުމުގައި ވޯޓު ނެގުމުގެ ކުރިން ކޮމިޓީ ރިޕޯޓަށް މެންބަރުން ބަހުސް ކުރެއްވުމަށް ހުޅުވާލަން ޖެހެއެވެ. އަދި އެކަމަށް މެމްބަރުން އެދިވަޑައިނުގަންނަވާ ނަމަ، އެ ބިލެއްގެ ތިންވަނަ ކިއުން އިއްވަންޖެހެ އެވެ. އެއަށްފަހު، ވޯޓު ނެގުމުގެ ކުރިން ކޯރަމް ހަމަކުރަން މެންބަރުންގެ ސަމާލުކަމަށް ގެނައުމަށް ޖަހާ ފަސް މިނެޓުގެ ވޯޓު ރަނގަބީލު ޖަހަން ޖެހެއެވެ.

މީގެ އިތުރުން އެ ރަނގަބީލު ޖަހާނީ ރިޔާސަތުން އެކަމަށް އެންގުމުން ކަމަށާއި އެއީ މަޖިލީހުގެ ގޯތިތެރެއާއި ބައެއް ކޮމިޓީތަކުގައި މެންބަރުން ތިއްބަވާނެތީ ވޯޓުގައި ބައިވެރިވުމަށް އެ މެންބަރުން މަޖިލިސް ތަޅުމަށް ވަޑައިގަންނަވަން ޖެހޭކަން ސަމާލުކަމަށް ގެނައުމަށް ވެސް ގަވާއިދުގައި ވެއެވެ.

އެގޮތަށް ވޯޓުގެ ރަނގަބީލު ޖެހުމަށްފަހު މަޖިލިސް ގޯތިތެރޭގައި މެންބަރުން ތިބިތޯ ބެލުމަށް ޖަލްސާގެ ރިޔާސަތުން ބައެއް ފަހަރު މީހުންވެސް ފޮނުވަ އެވެ.

ނަމަވެސް އިއްޔެގެ ޖަލްސާގައި ބިލުގެ ތިންވަނަ ކިއުމެއް ވެސް ނީއްވަވާއިރު، ވޯޓުގެ ރަނގަބީލު ޖެއްސެވުމަކަށް ވެސް އަފީފު ނާންގަވަ އެވެ.