އުމްރާ އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ދާ އުމްރާވެރިންގެ ވިސާ ޖެހުމަށް ނަގާ އަގުތަކަށް ސައުދީގެ ކަމާބެހޭ މުއައްސަސާތަކުން ބަދަލު ގެނެސްފި އެވެ.
އިސްލާމިކް މިނިސްޓްރީއިން އުމްރާ ގުރޫޕްތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ
މި މިނިސްޓްރީގެ ނަންބަރު (IUL)142-C2/142/2019/71 (6 ނޮވެމްބަރ 2019) އިޢުލާނާ ގުޅިގޭގޮތުން ދަންނަވަމެވެ. ޙަވާލާދީފައިވާ އިޢުލާންއަކީ ވިސާ ފީގެ ގޮތުގައި ހަމައެކަނި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރަށް ނަގާ މިންވަރު ބަޔާން ކޮށްދިނުމުގެ މަޤްސަދުގައި މިނިސްޓްރީން ނެރެފައިވާ އިޢުލާނެކެވެ. އަދި އިޢުލާނުގައި ބަޔާންކޮށްފައިވާ 300 ރިޔާލުގެ ފީއަކީ، ވިސާ ފީގެ ގޮތުގައި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނަގާ ފީއެވެ. ނަމަވެސް ޢުމްރާގެ އިންތިޒާމްތައް ހަމަޖައްސަންޖެހެނީ އެޖެންޓުން މެދުވެރިކޮށް ކަމުގައިވާތީ، އަދި ވިސާގެ ޕްރޮސެސް ކުރިއަށްދަނީ ސިސްޓަމްގެ ތެރެއިން ކަމުގައި ވާތީ، މިކަންކަން ހަމަޖެއްސުމުގައި އެޖެންޓުންނަށް އިތުރު ފައިސާ ދައްކަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ ސަޢުދީ ސަރުކާރުން މި ގޮތަށް ނިންމުމުގެ ކުރިން ޤްރޫޕްތަކުން ޢުމްރާވެރިން އަތުން ނެގި ފައިސާގައި ވިސާފީއާއި، އެޖެންޓުންނަށް ދައްކަންޖެހޭ ފައިސާ ނުހިމެނޭ ނަމަ، އެކަން ޢުމްރާވެރިންނަށް ބަޔާންކޮށްދީ މެނޭޖްކުރުމަކީ ކުންފުނިތަކުގެ އިޚްތިޞާޞް ތެރޭގައި ހިމެނޭކަމެއްކަމުގައި ދަންނަވަމެވެ.
މިނިސްޓްރީން ކުރި އިޢުލާނުގައި ބުނެފައިވާގޮތުން، ތަފާތު އެޖެންޓުން މެދުވެރިކޮށް ވިސާ ނަންގަވާއިރު އެފަރާތްތަކުން ދޭ ހިދުމަތްތަކާ ގުޅިގެން އެފަރާތްތަކުން އިތުރު ފައިސާ ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންނަމަވެސް އެއީ ސައުދީ އަރަބިއްޔާގެ ސަރުކާރުން އަންގައިގެން ނަގާ ފީތަކެއް ނޫން ކަމަށް ސައުދީ އެމްބަސީން މައުލޫމާތު ދީފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ސައުދީ އަރަބިއްޔާ އިން އުމްރާގެ އުސޫލްތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން ވިސާ އާއި އެ ނޫން ފީތަކެއް ބޮޑުވެ، އުމްރާގެ އަޅުކަމަށް ނަގާ އަގު ބޮޑުވެދާނެ ކަމަށް، ރާއްޖޭގެ އެޖެންޓެއް ކަމަށްވާ ސީޕްރީއާ އިން ކުންފުނިތަކަށް އަންގާފައިވެއެވެ.
އެ ކުންފުންޏަށް ލިބިފައިވާ މައުލޫމާތުތަކަކާ ގުޅިގެން ސީޕްރިއާ އިން ކުންފުނިތަކަށް އެންގީ އުމްރާ އަށް ގެންދިއުމުގެ އާ އުސޫލަށް ސައުދީން އަމަލުކުރަން ފެށުމުން ހެލްތު އިންޝުއަރެންސް ހިމެނޭ ގޮތަށް އާ ފީތަކެއް ނެގުމަށް ވަނީ ކަނޑައަޅައިފައިވާ ކަމަށެވެ. ސައުދީ ސަރުކާރުން ނަގާ ޓެކްސްތައް ވެސް އިތުރުކޮށްފައިވުމާ އެކު އުމްރާގެ ވިސާގެ ފީ ވެސް ކުރީ އަހަރުތަކަށް ވުރެން ބޮޑުވެފައިވާ ކަން އެ ކުންފުނިން އުމްރާ ގްރޫޕްތަކަށް އެންގި އެވެ.
ވިސާ އާއި ޓެކްސް އަދި އެހެނިހެން ފީގެ ގޮތުގައި ރާއްޖެ އިން އުމްރާ އަށް ދާ މީހެއްގެ އަތުން ކުރިން ނަގަމުން އައީ ގާތްގަނޑަކަށް 100 ޑޮލަރު، (1،542ރ.) އެވެ. އުމްރާ އަށް މީހުން ގެންދާ ކުންފުނިތަކަށް ސީޕްރިއާ އިން އެންގީ މި އަދަދު ބޮޑުވެދާނެ ކަމެވެ. އެގޮތުން މިހާރު 230 ޑޮލަރު ސީޕްރިޔާއިން އުމްރާ ގުރޫޕްތަކުން އަންނަނީ ނަގަމުންނެވެ.
ރާއްޖޭގައި، އެކި ގްރޫޕްތަކުން އުމްރާ އަށް މީހުން ގެންދަން ނަގަނީ އެކި ވަރަށެވެ. އެގޮތުން، 22،000ރ. - 39،000ރ އާ ދެމެދުގެ އަގުތައް އުޅެ އެވެ. އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ މި އަހަރު ވަނީ، 25 ކުންފުންޏަކަށް ދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!