ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022" ގެ ފިރިހެން ކެޓަގަރީގެ ފައިނަލުން ޒީރު ސްޕޯޓްސް ކުލަބާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބް ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ ޒީރު ސްޕޯޓްސް ކުލަބާއި އައްޓޯ އެފްސީއެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޒީރު ވަނީ ޖާގަ ހޯދާފައެވެ. މި މެޗުގައި ޒީރުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 9، އަލީ ހާފިޒްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވެސް އޭނާއެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ބައްދަލު ކޮށްފައި ވަނީ ލަޔަންއާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ބީޗް ސިޓީ ވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ. މި މެޗުގައި ލަޔަންއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މުޙައްމަދު އާދަމެވެ. ބީޗް ސިޓީއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ނީޝާން އިބްރާހީމް އަދި އަލީ މަލާޝްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބީޗް ސިޓީގެ ޖޯޒީ ނަމްބަރު 3، ނީޝާން އިބްރާހީމެވެ.

ޒީރު ސްޕޯޓްސް ކުލަބާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ 20:30 ގައި ކުމުންދޫ ފުޓްސަލް ދަނޑުގައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް އިތުރު ފުރުޞަތު ހޯދައިދިނުމެވެ.
މި މުބާރާތުގެ އޮފިޝަލް މީޑީއާ ޕާޓްނަރަކީ "ތިލަދުން" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!