އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާއި ވެރޯނާ ބައްދަލުކުރި މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފިއެވެ. ވެރޯނާގެ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
މި މޮޅާއިއެކު ޔުވެންޓަސް މިވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށްފައެވެ. މި ފަސް މެޗު އެ ޓީމުން ނިންމާލާފައި ވަނީ ބައިކޮޅަށް ލަނޑެއް ވެސް ވައްދާ ނުލައެވެ.
ރޭ ލިބުނު މޮޅާއިއެކު ޔުވެންޓަސް ވަނީ ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. ޔުވެންޓަސް ހަތަރުވަނާގައި އޮތީ 14 މެޗުން ލިބުނު 28 ޕޮއިންޓާއި އެކުގައެވެ. ތާވަލުގެ އެއްވަނާގައި އޮތް ނަޕޯލީއާއި ޔުވެންޓަސްއާއި ދެމެދު 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މެޗުން ބަލިވި ވެރޯނާ އޮތީ ތާވަލުގެ ފުލުގައެވެ. އެ ޓީމަށް 14 މެޗުން ލިބިފައި ވަނީ 5 ޕޮއިންޓެވެ.
މެޗުގައި ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ ވެރޯނާއިންނެވެ. ކޯނަރަކުން ތަނަވަސް ވީ ފުރުޞަތެއްގައި ޔުވެންޓަސްގެ އޭރިއާ ބޭރުގައިހުރެ ވެރޯނާގެ ސުލެއިމާނާ ފޮނުވާލި ހަމަލާ ގޮސްފައި ވަނީ ދަނޑި ކައިރިން ބޭރަށެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ޔުވެންޓަސްގެ މިޑްފީލްޑަރ ލޮކަޓެއްލީ ވެރޯނާގެ އޭރިއާ ބޭރުގައި ހުރެ ގޯލުގެ ދުރު ކަނަށް ފޮނުވާލި ހަމަލާ ވެރޯނާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 60 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކީންއެވެ. މިއީ މެދުތެރެއިން މިލިކްއާއި ރެބިއުޓް ގުޅިގެން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކީން ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.
ޔުވެންޓަސްއިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ވެރޯނާގެ ލަޒާނިއާއަށް ހުސްކޮށް ލިބުނު ބޯޅަ ހިފައިގެން ޔުވެންޓަސްގެ އޭރިއާތެރެއަށް ވަންނަނިކޮށް ސަންޑްރޯ ވަނީ ފައުލްކޮށް ލަޒާނިއާ ހުއްޓުވާފައެވެ. އެ ފައުލާއި ގުޅިގެން ރެފްރީ ވަނީ ސަންޑްރޯއަށް ސީދާ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!