ސްޕެނިޝް ލީގުގައި ރޭ ޗެމްޕިއަން ރެއާލް މެޑްރިޑާއި ކަޑިޒް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި، އެ ޓީމުން ކަޑިޒްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނެތީޖާއަކުންނެވެ.

Ad
rt

މެޗުގެ ފުރަތަމަ ލަނޑު ފެނިފައި ވަނީ ފުރަތަމަ ހާފުގެ ފަހުކޮޅެވެ. މި ލަނޑު 40 ވަނަ މިނެޓުގައި ޓޯނީ ކްރޫސް ކަޑިޒްގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ އެޑާ މިލިއާޓޯއެވެ.

މެޗުގައި ރެއާލުން ކާމިޔާބުކުރި ދެވަނަ ލަނޑު 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޓޯނީ ކްރޫސްއެވެ. މެޗުގައި ކަޑިޒްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 82 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ލޫކަސް ޕެރޭޒްއެވެ.

މި ނަތީޖާއާއި އެކު ރެއާލުން ވަނީ އެއްވަނާގައި އޮތް ބާސާއާއި އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. ރެއާލަށް 14 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނާގައި ބާސާ އޮތީ 14 މެޗުން ލިބުނު 37 ޕޮއިންޓާއިއެކުގައެވެ. މެޗުން ބަލިވި ކަޑިޒް އޮތީ ތާވަލުގެ 19 ވަނާގައެވެ. އެ ޓީމަށް 14 މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ.

މި މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިން ދެން ސްޕެނިޝް ލީގުގެ މެޗެއް ނުކުޅޭނެއެވެ. ވޯލްޑް ކަޕަށް ފަހު ސްޕެނިޝް ލީގުގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުއެވެ.