މާފަންނު ނިރުފެހި ގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ފޮޓޯއާއި މަޢުލޫމާތު އާއްމު ނުކުރުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކުރައްވައިފި އެވެ.
އެ އޮތޯރިޓީން މި އިލްމާސް ކުރެއްވީ އެ ހާދިސާގައި ނިޔާވި މީހުންގެ މައުލޫމާތުކަމަށް ބުނެ، ބައެއް ފަރާތްތަކުން ފޮޓޯ އާއި މައުލޫމާތުތައް ފަތުރަމުންދާތީ އެވެ.
މިކަމާއިގުޅިގެން އެންޑީއެމްއޭ އިން ވަނީ މިފަދަ ހިތާމަވެރި ވަގުތެއްގައި އެމީހުންގެ އާއިލާގެ މީހުންގެ އިހްސާސްތަކަށް އިސްކަންދީ، އިންސާނީ ކަރާމާތަށް އިހްތިރާމްކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.
މި ހާދިސާ އާގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެފައިވަނީ ނިޔާވި މީހުންގެ ތެރެއިން ބައެއް މީހުންގެ މައުލޫމާތު އަދިވެސް ކަށަވަރު ނުވާކަމަށާއި ނިޔާވި މީހުން ދެނެގަތުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަކަމަށެވެ. އަދި ނިޔާވި ބައެއް މީހުން ދެނެގަންނަން އުނދަގޫވަރުވެފައިވާ ކަމަށާއި ޖިންސު ވަކިކުރަން ވެސް ނޭނގޭ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ނިޔާވި މީހުންގެ އެއްވެސް މައުލޫމާތެއް، އެއިން މީހެއްގެ އާއިލާއާވެސް ހިއްސާކޮށްފައި ނުވާނެ ކަމަށާއި އެހެންކަމުން، އާއިލާގެ މެންބަރުންގެ އިހްސާސްތަކަށް އިހުތިރާމްކުރުމުގެ ގޮތުން މި މައުލޫމާތުތައް، ކަމާގުޅޭ އިދާރާތަކުން ހިއްސާކުރުމުން ނޫނީ އެފަދަ މައުލޫމާތު އާއްމު ނުކުރުމަށް ފުލުހުން ވެސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
އަލިފާން ރޯވި މ. ނިރުފެހި ގޭގައި ދިރިއުޅެމުން ދިޔައީ އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާއަށް ނިސްބަތްވާ މީހުން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މި ހާދިސާގައި 10 މީހަކު ނިޔާވެފައިވާއިރު، 31 މީހުން ވަނީ ވަގުތީ ހިޔާތަކަށް ގެންގޮސްފަ އެވެ. އެއީ 13 ދިވެހީންނާއި 18 ބިދޭސީން ނެވެ.
މި ހާދިސާ ހިނގާފައިވަނީ މި ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރު 12:27 ހާއިރު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!