ފުރަތަމަ ފަހަރަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގައި ނުފަޅާ ކުރާ ސާޖަރީ (ލެޕަރޮސްކޯޕިކް ސާރޖަރީ-ކީހޯލް އޮޕަރަޝަން) ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މިއަދު ކޭ.އާރު.އެޗްގެ އޮޕަރޭޝަން ތިއޭޓަރގައި ކުރެވުނު ލެޕަރޯސްކޯޕިކް ސާރޖަރީއަކީ އެ ހޮސްޕިޓަލްގައި އަދި ރާއްޖޭން އުތުރުގައި ވެސް ކުރެވެނު މި ފަދަ ފުރަތަމަ އޮޕަރޭޝަނެވެ.

Ad
rt

ކޭއާރްއެޗުން މައުލޫމާތު ދެއްވި ގޮތުގައި ލެޕަރޮސްކޯޕިކް ސާރޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު، ސީނިޔަރ ކޮންސަލްޓަންޓް އިން ޖެނަރަލް ސާރޖަރީ، ޑރ. އަބްދުﷲ އުބައިދު ލީޑް ކުރައްވައިގެން ކުރިޔަށް ގެންދެވި މި އޮޕަރޭޝަނަށް ހޭދަވީ 50 މިނެޓެވެ. މިއަދު ހެނދުނު 09:39 ގައި އޮޕަރޭޝަން 10:29 ގައި ކާމިޔާބު ކަމާއިއެކު ފުރިހަމަކޮށް ނިންމާލެވުނު ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

ކުޅުދުއްފުށީގައި ރަސްމީކޮށް މި އޮޕަރޭޝަންތައް ފެށުމަށް ރާއްޖޭގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ހާއްސަ ޓީމެއް އިއްޔެ ކުޅުދުއްފުއްޓަށް ވަނީ ޒިޔާރަތްކޮށްފައެވެ. މި ޓީމްގެ މެމްބަރުން އަމަލީ ގޮތުން އޮޕަރޭޝަންގައި ބައިވެރިވެފައިވާއިރު، މި ޓީމްގައި ޑރ. ޢަބްދުﷲ އުބައިދުގެ އިތުރުން ޕްލާސްޓިކް ސާރޖަރީގެ ދާއިރާގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ. މުޙައްމަދު ވަޙީދު އަދި އައި.ޖީ.އެމް.އެޗްގެ އެނެސްތިއޮލޮޖީ ޑިޕާރޓްމަންޓްގެ ހެޑް، ކޮންސަލްޓަންޓް އިން އެނެސްތިއޮލޮޖީ ޑރ. އިސްމާއިލް ލަތީފް އިތުރުން އެ ހޮސްޕިޓަލްގެ ލެޕަރޮސްކޯޕިކް ނާރސިން ޓީމްގެ އިންޗާރޖް، ރެޖިސްޓާރޑް ނާރސް ފާތިމަތު ޝިއުނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ކޭއާރުއެޗްގެ ފަރާތުން ހޭނައްތާ ޑަކްޓަރުގެ އިތުރުން، ބަޔޮމެޑިކަލް އިންޖިނިއަރ އަދި އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތްކުރައްވާ ނަރުހުންގެ ޓީމް ބައިވެރިވިކަމަށް ކޭއާރްއެޗުން ވިދާޅުވެއެވެ.

ފޮޓޯ: ކެއާރްއެޗް

ލެޕަރޮސްކޯޕިކް ސާރޖަރީ އަކީ ބަނޑުގައި ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކެމެރާގެ ޒަރީއާއިން ބަލައިގެން، ކުދި އޮޕަރޭޝަން ޓޫލްސް ބޭނުންކޮށްގެން ކުރެވޭ ހަށިގަނޑަށް ލުއި އޮޕަރޭޝަންތަކެކެވެ. ކީހޯލް ސާރޖަރީގެ ނަމުންވެސް ނަންދެވިފައިވާ މި އޮޕަރޭޝަންތަކަށްފަހު ބަލިމީހާ ހޮސްޕިޓަލްގައި މަޑުކުރަންޖެހޭ މިންވަރު އަދި ފާރުތައް ފަސޭހަވުމަށް ނަގާ މުއްދަތު، އާންމު އޮޕަރޭޝަންތަކާއި ބަލާއިރު ބޮޑުތަނުން ކުޑަކަން ފާހަގަކުރެވެއެވެ.

ލެޕަރޮސްކޯޕިކް ސާރޖަރީތައް އާންމު ގޮތެއްގައި ހެދެނީ އަންހެނުން ދަރިމައިވުމުގެ ނިޒާމު، ގޭސް އަދި ކުޑަކަމުދާ ނިޒާމަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުށެވެ. މި ސާރޖަރީތަކަކީ ވީހާވެސް ކުޑަކޮށް ހަށިގަނޑު ކަފައިގެން ހަދާ ސާރޖަރީތަކެއް ކަމުން، ބަލިމީހާ ހޮސްޕިޓަލްގެއި ހޭދަކުރާ ވަގުތު މަދުވެ، ތަހައްމަލް ކުރަން ޖެހޭ ވޭން ކުޑަވެ އަދި ހަށިގަނޑު ކެފުމުގެ ސަބަބުން ލާ ލަކުނު މަދު/ކުޑަ ވެއެވެ.

އޮޕަރޭޝަނަށްފަހު ޑަކްޓަރުންގެ ޓީމްގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ. އުބައިދު ވިދާޅުވި ގޮތުގައި، މިއަދު މި ފެށިގެން ދިޔަ ހިދުމަތަކީ ރައްޔިތުން ނުހަނު ބޮޑަށް ބޭނުންވެފައިވާ ހިދުމަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ހިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް، ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ދެންނެވިއެވެ. މިގޮތުން، މި ހިދުމަތް ކުރިޔަށް ގެންދިޔުމަށް ކުޅުދުއްފުށީގެ ޓީމަށް ބޭނުންވާ ތަމްރީނާއި އަދި އެކްސްޕަޓީސް ފޯރުކޮށްދެއްވުމުގައި ދެމިހުންނަވާނެކަމާއި، މި ހިދުމަތް އިތުރަށް ފުޅާވެގެންދާނީ ރާވާލެވިގެން ދެ ހޮސްޕިޓަލްގެ ތެރެއިން ކުރެވޭ މަސައްކަތުން ކަމަށް ދެންނެވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގެ ނާރސިން އިންޗާރޖް، ސީނިއާ ރެޖިސްޓާރޑް ނާރސް، ހުރުމާ އަބްދުއްރަހްމާން ވިދާޅުވިގޮތުގައި މިއަދަކީ މި ހޮސްޕިޓަލްގެ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ އުފާވެރި ދުވަހެކެވެ. މިގޮތުން ކުރިން ބޮޑެތި ކެފުންތަކާއިއެކު ކުރެވުނު ބައެއް އޮޕަރޭޝަންތައް، ބަނޑުގައި އެޅޭ މަދު ލޯވަޅުތަކެއްގެ ޒަރީޢާއިން ކުރެވިގެން ދިއުމަކީ ބަލިމީހާއަށް އަދި އޮޕަރޭޝަން ޓީމަށްވެސް ލިބިގެންދާ ވަރަށް ބޮޑު ލުއިކަމެއްމަކުގައި ދެންނެވިއެވެ. އަދި މި ފަދަ ފުރުސަތެއް ހޯދާއިދެއްވުމުގައި ދެ ހޮސްޕިޓަލްގެ މެނޭޖްމަންޓް އަދި ކްލިނިކަލް ޓީމުންކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރީޖަނަލް ހޮސްޕިޓަލްތައް ބާރުވެރިކޮށް، ސިއްހީ ނިޒާމު ފައްކާކޮށް، ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދަކަށްވާއިރު، ލެޕަރޮސްކޯޕިން ސާރޖަރީތައް ފެށިގެން ދިއުމަކީ މި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. އަދި ރާއްޖޭގެ މައި ހޮސްޕިޓަލަށްކުރާ ބާރު ކުޑަވެ، ރައްޔިތުންގެ ތަކުލީފު ކުޑަވެ، މިފަދަ ހިދުމަތްތައް ހޯދުމަށް އާންމު ރައްޔިތުންކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެއެވެ.

ފާއިތުވީ، ހަތަރު އަހަރެއްހާ ދުވުހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބޮޑެތި ކުރިއެންތަކެއް ހޯދާފައެވެ. މިގޮތުން ޑަކްޓަރުންނާއި ނަރުހުންގެ އަދަދު ބޮޑުތަނުން އިތުރުކުރެވި، އެމް.އާރު.އައި، މެމޮގްރަފީ، ސީޓީ ސްކޭން އަދި ޑައިގްނޯސްޓިކްގެ ގިނަ ހިދުމަތްތަކެއް ފެށި، ސިއްހީ ހިދުމަތް ހޯދުމަށް މާލެ ދާންޖެހޭ ޖެހުން ވަރަށް ބޮޑަށް މަދުކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.