"ޒަކާތު ނަފާ" ޕްރޮގްރާމް ފަށައިފި އެވެ.
މިއީ ރާއްޖެއިން ފަޤީރުކަން ނައްތާލުމުގެ ޢަމާޒުގައި އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ފެށި ޕްރޮގްރާމެކެވެ.
އެފަދަ އާއިލާތައް އަމިއްލައަށް ވިޔަފާރިކޮށް، މަންފާ ހޯދޭނެ ގޮތެއް ހޯދައިދިނުމަށް ފެށި މި ޕްރޮގްރާމް ހިންގުމަށް އިސްލާމިކް މިނިސްޓްރީއާއި، އިކޮނޮމިކް ޑިވެލޮޕްމަންޓް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަޙުމަދު އާދިލް އެވެ. އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޔޫސުފް ރިޒާ އެވެ. އެގްރޯނެޓްގެ ފަރާތުން ޑެޕިއުޓީ އެމްޑީ މުޙައްމަދު އަޙުމަދުފުޅު ސޮއި ކުރެއްވިއިރު، ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޢަލީ އާނިފް އެވެ.
ރާއްޖޭގައި ފަގީރުންގެ އާބާދީ ނައްތާލުމަށް ފަށާ މިފަދަ އެންމެ ބޮޑު ޕްރޮގްރާމް ކުރިއަށްގެންދަނީ 2021 ވަނަ އަހަރުގެ ފަގީރުގެ ދަފްތަރުގައި ތިބި މީހުންނަށެވެ. ރާއްޖޭގެ ފަޤީރުންގެ ދަފްތަރުގައި 7763 މީހުން ހިމެނެ އެވެ.
އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ، މި ޕްރޮގްރާމާއި ގުޅޭގޮތުން ވިދާޅުވީ ޕްރޮގްރާމް ކުރިއަށްގެންދަނީ އެކި ފިޔަވައްސަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން ފުރަތަމަ ފިޔަވަހީގައި އެ ރަށެއްގައި ފަގީރުގެ ގޭބިސީ 10 އަށްވުރެ ދަށް ރަށްތަށް ބައިވެރިކުރާއިރު، އެފަދަ 96 ރަށް ރާއްޖޭގައި އެބައޮތް ކަމަށާއި ފުރަތަމަ ބުރުގައި މި ރަށްތަކުގެ 350 ގޭބިސީގައި ފަގީރުންގެ އާބާދީ 1077 އަށް އަރާކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
ޑރ. އަހްމަދު ޒާހިރު ވިދާޅުވީ މި ޕްރޮގްރާމްގައި ކޮންމެ ގޭބިސީއަކަށް 150000 ރުފިޔާއާ ހަމައަށް މާލީ އެހީ ދޭނެ ކަމަށާއި ޒަކާތު ފަންޑުން މި މަސައްކަތަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އަދި ބޭނުމަކީ މި އާއިލާތައް ވެސް ޒަކާތް ދެއްކޭ ތަނަވަސްކަމަށް ގެނައުން ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ޢަމާޒު ހިފާފައިވަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މިކަމުގެ ޢަމަލީ މަސައްކަތްތައް ރަށްރަށުގައި ފެށުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!