އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ކުރައްވަން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ނ. އަތޮޅަށް ކުރާ ދަތުރު ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 25 ގައެވެ. މި ދަތުރުފުޅުގައި ވަޑައިގަންނަވަނީ އެ އަތޮޅުގެ ކޮން ރަށްތަކަށްކަން އަދި ސާފެއް ނުވެއެވެ.

Ad
rt

އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ވާދަ ކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީން ކަނޑައަޅުއްވާފައިވަނީ ރައީސް ޔާމީނެވެ.

ރައީސް ޔާމީން ގެންދަވަނީ ރާއްޖޭގެ އަތޮޅުތަކަށް ސިލްސިލާ ދަތުރުތަކެއް ކުރައްވަމުންނެވެ. މިގޮތުން މިދިޔަ ހަފްތާގައި ވަނީ ހއ. އަތޮޅުގެ އިހަވަންދޫ، ދިއްދޫ، ކެލާ، ބާރަށް އަދި ވަށަފަރަށް ވަޑައިގެންފައެވެ. އޭގެ ކުރީ ހަފްތާގައި އެމަނިކުފާނު ވަޑައިގަތީ ދ. ކުޑަހުވަދޫއަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނ. އަތޮޅު ދަތުރުފުޅަށްފަހު ދެން އެންމެ އަވަހަށް އެމަނިކުފާނު ވަޑައިގަންނަވާނީ އައްޑޫ ސިޓީ އަށެވެ.