ށ. މިލަންދޫގައި ދާއިމީކޮށް އެއްގަމު ލައިސަންސް ދޫކުމުގެ ޚިދުމަތް ފަށައިފިއެވެ.
މި ޚިދުމަތް ފަށާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އާއި، މިލަންދޫ ކައުންސިލަރުންނާއި، މުވައްސަސާތަކުގެ ވެރިންނާއި އަދި ކައުންސިލް އިދާރާއާއި، ސަރުކާރުގެ މުވައްޒަފުން ބައިވެރިވިއެވެ.
މިލަންދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ އާތިފް ''ތިލަދުން'' އަށް ވިދާޅުވީ، އެރަށުން ދޫކުރަން ފަށާފައި ވަނީ އޭ ޒޯންގެ އެއްގަމު އުޅަނދުގެ ލައިސަންސް ކާޑު ކަމަށެވެ.
މި ޚިދުމަތަށް ރައްޔިތުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަށް ފާހަގަކުރައްވަމުން އާތިފް ވިދާޅުވީ، މިވަގުތު ޚިދުމަތް ހޯދަން 117 އަށް ވުރެ ގިނަ މީހުން ނަން ނޯޓުކޮށްފައި ވާތީ، ނަން ނޯޓުކުރި ލިސްޓްގައިވާ އެންމެނަށް ޚިދުމަތް ދީ ނިމެންދެން ދުވާލަކު 10 މީހުންނަށް ޚިދުމަތް ދޭން ނިންމައި، ތާވަލެއްގެ ދަށުން އެގޮތަށް ޚިދުމަތް ފޯރުކޮށް ދިނުން މިހާރު ކުރިއަށް ދާކަމަށެވެ. އެއަށްފަހު ވެސް އެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ދާނެ ކަމަށް އާތިފް ވިދާޅުވިއެވެ.
''މި ޚިދުމަތަކީ ވަރަށް ގިނަ ރައްޔިތުން އެ ޚިދުމަތަކަށް އެދިއެދި ތިބި ޚިދުމަތެއް، މިކަމުގެ ސަބަބުން އަލަށް ލައިސަންސް ނެގުމަށާއި، ލައިސަންސް އާ ކުރަން ވެސް މިރަށުގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބޭނެ، ރަށުގައި ތިބެގެން ކުޑަ ޚަރަދަކުން ވަގުތު ސަލާމަތްކުރުމާއެކު މިކަން ކޮށްލެވޭނެ، މިރަށުގެ ރައްޔިތުންގެ އިތުރުން އަވަށްޓެރި ރަށްތަކުން ވެސް މިރަށަށް ޚިދުމަތް ހޯދަން އަންނާނެ، މިއީ އެރަށްތަކުގެ ރައްޔިތުންނަށް ވެސް ފަސޭހަ ލިބިދޭނެ ކަމެއް'' މި ޚިދުމަތާއި ގުޅިގެން އާތިފް ވިދާޅުވެފަ ވެއެވެ.
މިލަންދޫން ދާއިމީކޮށް އެއްގަމު ލައިސަންސް ދޫކުމުގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކައުންސިލް ރައީސް އާތިފް ވާހަކަ ދައްކަވަނީ،
މިލަންދޫން ދާއިމީކޮށް އެއްގަމު ލައިސަންސް ދޫކުމުގެ ޚިދުމަތް ފެށިގެން ދިޔުމާއި ގުޅިގެން ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ''ތިލަދުން'' އަށް ވިދާޅުވީ، އެއީ ރައްޔިތުންނަށް ލުއިފަސޭހަކަން ގެނުވާނެ މުހުންމު ޚިދުމަތެއް ކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން މިލަންދޫގެ އިތުރުން ކައިރި ރަށްރަށުގެ މީހުންނަށް ފަސޭހަކަން ލިބިގެންދާނެ ކަން ޝިޔާމް ވެސް ވަނީ ފާހަގަ ކުރަށްވާފަ އެވެ.
މި ޚިދުމަތް މިލަންދޫގައި ފެށުމަށް ފަސް ލައްކައެއްހާ ރުފިޔާ އެރަށުގެ ކައުންސިލް ބަޖެޓުން ވަނީ ޚަރަދު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!