ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ފުރަތަމަ މަންޒިލުން އެ މަނިކުފާނު ލަދުގަންނަވާލައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ހއ އަތޮޅުގެ ބައެއް ރަށްތަކަށް އިއްޔެ ރައީސް ޔާމީން ފެއްޓެވި ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގަތީ އިހަވަންދޫއަށެވެ. ރޭ ވަނީ އެ ރަށުގައި ޔާމީން ބައިވެރިވެވަޑައިގެން، ހާއްސަ ޖަލްސާއެއް ވެސް ބާއްވާފައެވެ.
މެންބަރު ޝިފާއު "ތިލަދުން"އަށް ވިދާޅުވީ އިއްޔެ ޔާމީނަށް ދީިފައިވަނީ އެ ރަށުން ސިޔާސީ ބޭފުޅަކަށް މިހާތަނަށް ދިން އެންމެ ފިނި ތަރުހީބު ކަމަށާއި، އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް އެއްވެ ތިބި މީހުންގެ ތެރޭގައި ގިނައީ ރަށުން ބޭރު މީހުންކަމަށެވެ. މީގެ އިތުރުން ރޭ އިހަވަންދޫގައި ބޭއްވި ޖަލްސާއަށް ވެސް ދިޔައީ މަދު މީސްކޮޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ފާހަގަކޮށްލަންޖެހޭ ކުރިން ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވި މީހުން ވެސް އަޅުގަނޑަކަށް ނުފެނޭ. މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ، އިހަވަންދޫއަކީ މި ސަރުކާރުން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އެންމެ ގިނައިން ހިންގާ އެއްރަށް. އެހެންވީމަ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފި މި ސަރުކާރުން ގެންނަމުންދާ ތަރައްގީ"
މެންބަރު ޝިފާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޝިފާއު ވިދާޅުވީ އެރަށުގެ މަސްވެރިންގެ ފަރާތުން ވެސް ރައީސް ޔާމީނަށް މާ ބޮޑު ތަރުހީބެއް ލިބިފައި ނުވާކަމަށެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ޕީޕީއެމުން މަސްވެރިން ޖަޒުބާތުގައި ޖައްސަން މަސަައްކަތް ކުރި ނަމަވެސް، އެ ޕާޓީގެ ވެރިކަމުގައި މަސްވެރިންނަށް ކުރިމަތިވި ދަތި އުނދަގޫތައް ހަނދާން ނުނެތޭ ކަމަށެވެ. އަދި މި ސަރުކާރުން އެ ދާއިރާއަށް ކޮށްދީފައިވާ ކަންކަން މަސްވެރިން ބަލައިގަންނަ ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.
"އެބޭފުޅުންނަށް އެނގޭ މިހާރު ކިޔޫގައި ނުޖެހި މަސް ކިރޭކަމާ، އައިސް އަގުހެޔޮ ކުރިކަމާ، ތެލަށް ސަބްސިޑީ ދޭކަމާ، ކިރާ މަހަށްވާ ފައިސާ ހަފްތާއިން ހަފްތާއިން ބަރާބަރަށް ލިބޭކަން"
އެބޭފުޅާ ވިދާޅުވިއެވެ.
ރައީސް ޔާމީން ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި، އިހަވަންދޫގެ އިތުރުން، ކެލާ، ބާރަށް، ދިއްދޫ އަދި ތުރާކުނަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!