ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އީގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި އޮމޯނިއާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް އިތުރު ވަގުތު ލަނޑުޖަހައި ޔުނައިޓެޑުން މެޗު ކާމިޔާބު ކޮށްފިއެވެ.
ރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
މުޅި މެޗު ކޮންޓްރޯލް ކޮށްގެން ޔުނައިޓެޑުން ކުޅެފައިވާއިރު އެ ޓީމުން ވަނީ ޖުމްލަ 25 ހަމަލާއެއް އުފައްދާފައެވެ. އޭގެ ތެރެއިން 12 ހަމަލާއެއް ގޯލާއި އަމާޒުވެފައިވާއިރު، ރޭގެ މެޗުގައި އާދަޔާ ޚިލާފް މޮޅު ކުޅުމެއް ދެއްކި އޮމޯނިއާގެ ގޯލްކީޕަރ ފްރެންސިސް އުޒޯހޯ ވަނީ 11 ހަމަލާ މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފޯވާޑް ރަސްފޯޑް ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެ ދެ ހަމަލާ ވެސް އުޒޯހޯ މަތަކުރިއިރު، ކަސެމީރޯ ފޮނުވާލި ބާރު ހަމަލާ އުޒޯހޯ އަތުގައި ޖެހުމަށް ފަހު އަމާޒުވެފައި ވަނީ ހުރަސް ދަނޑިއަށެވެ. އޭގެ އިރުކޮޅެއް ފަހުން ފްރެޑަށް ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަން ލިބުނު ހުސް ފުރުޞަތުގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލު ހުރަސް ދަނޑިމަތިން ބޭރަށެވެ. ޔުނައިޓެޑްގެ ފުރަތަމަ 11 ގައި ހިމެނިގެން ރޮނާލްޑޯ ކުޅެފައިވާއިރު، ފުރަތަމަ ހާފުގައި އޭނާ ފޮނުވާލި ދެ ހަމަލާވެސް ގޮސްފައި ވަނީ ގޯލާއި އަމާޒުނުވެއެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ޔުނައިޓެޑުން ރަނގަޅަށް ކުޅެ ލަނޑުޖހަން ބުރަކޮށް މަސައްކަތް ކުރި ނަމަވެސް އޮމޯނިއާއިން ވަނީ ވަރަށް ރަނގަޅަށް ޑިފެންސް ކޮށްގެން ކުޅެފައެވެ. މެޗުން ޔުނައިޓެޑް މޮޅުވެފައި ވަނީ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ފަސް މިނެޓްގެ ތެރޭ އެ ޓީމްގެ މިޑްފީލްޑަރ މެކްޓޮމިނޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޮމޯނިއާގެ އޭރިއާތެރެއިން ސަންޗޯ މެކްޓޮމިނޭއަށް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އޭނާ ވަނީ ގޯލުގެ ކައިރިކަނަށް ފޮނުވާލާފައެވެ.
މި މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް ޓެން ހާގް ބުނެފައި ވަނީ ޔުނައިޓެޑްގައި ލަނޑުޖަހާނެ ފުރުޞަތު ތަނަވަސް ކުރުމުގެ ޤާބިލްކަމާއި ލަނޑު ޖެހުމުގެ ޤާބިލްކަން ވެސް އެބަހުރި ކަމަށާއި ނަމަވެސް ބައެއް މެޗުތަކުގައި އެކަން ހާސިލްކުރަން އުނދަގޫވާ ކަމަށެވެ. މި މެޗަށް އިޝާރާތް ކުރަމުން ޓެން ހާގް ބުނެފައި ވަނީ މިއީ އެފަދަ މެޗެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!