ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް، މިއަދު ދ. ކުޑަހުވަދޫއަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.
އެ ޕާޓީން ބުނީ އެމަނިކުފާނު ކުޑަހުވަދޫއަށް ފުރާވަޑައިގަންނަވާނީ މިއަދު މެންދުރު ކަމަށެވެ.
އެމަނިކުފާނުގެމި ދަތުރުފުޅަކީ އެ ރަށުގެ ރައްޔިތުންނާ ގާތުން ބައްދަލު ކުރުމަށާއި ޕާޓީގެ ކަންކަން ފުޅާ ކުރުމަށް ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
އެގޮތުން ޕާޓީގެ ހަރަކާތް އިތުރުކުރުމާއި ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ޕީޕީއެމް އިން ބުނެ އެވެ.
މީގެ އިތުރުން އެ ރަށުގައި މިރޭ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަަށް ވެސް ޕީޕީއެމް އިން ބުނެ އެވެ.
އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ވާދަ ކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީން ކަނޑައަޅުއްވާފައިވަނީ ރައީސް ޔާމީނެވެ. އެމަނިކުފާނަށް ރިޔާސީ ޓިކެޓް ދިނީ، 5 އަހަރު ވެރިކަން ކުރައްވާފައި ހުންނަވާ ބޭފުޅަކަށް ޕްރައިމަރީ އަކާ ނުލައި ޓިކެޓް ދެވޭ ގޮތަށް އަސާސީ ގަވައިގަށް ގެނައި ބަދަލެއްގެ ދަށުން ނެވެ.
ރިޔާސީ ޓިކެޓަށް ފަހު، މިއީ ރައީސް ޔާމީން ރަށަކަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!