މާލެ އާއި ހުޅުމާލޭގައި ބޯހިމެނުމުގެ މަސައްކަތް އަދިވެސް ފުރިހަމަ ނުކުރެވޭތީ އެއްބާރުލުން ދިނުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އެދިއްޖެ އެވެ.
ބޯހިމެނުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެމްބީއެސް އިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ ބޯހިމެނުމުގެ ފީލްޑް މަސައްކަތް ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި މިއަދު ވެސް (28 ސެޕްޓެމްބަރު) ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މާލޭގެ ފީލްޑް މަސައްކަތް ރޭގެ ނިޔަލަށް ނިންމާލެވުނުއިރު، އަދިވެސް ބައެއް އިމާރާތްތަކަށާއި ދިރިއުޅޭ ތަންތަނަށް ނުވަދެވި ހުރިކަން އެ އިދާރާ އިން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެކަމުގެ ސަބަބުންނާއި މުޅިން ފުރިހަމަ ނުކުރެވިވާ ތަންތަން ހުރުމާއެކު މިފަދަ ތަންތަނުގެ މައުލޫމާތު ހޯދުނު މިންވަރަކުން ފުރިހަމަކުރަމުން ގެންދާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އެމްބީސީން ވަނީ މާލޭގައި މިހާތަނަށް ބޯހިމެނިފައިނުވާ ދިރިއުޅޭ ތަންތަނާއި، ލޭބަރ ކުއާޓަރ އަދި ރެޖިސްޓްރީ ކޮށްގެން ހިންގާ އިގްތިސާދީ މަސައްކަތް ހިންގާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކާއި އެމްޕްލޯޔަރުންގެ އެހީތެރިކަމަށް ބޯހިމެނުން ފުރިހަމަ ކޮށްދިނުމުގައި އެހީތެރިވެ ދިނުމަށް އެދިފަ އެވެ.
އެމްބީސީން ވިދާޅުވީ ތަޅުލާފައިހުރުމާއި މީހުންނާއި ދިމާނުވުމުގެ ސަބަބުން، ތަފްސީލް މައުލޫމާތު ނުނެގިވާ ގޭބިސީތަކާއި އިގްތިސާދީ މަސައްކަތް ހިންގާ ތަންތަނާއި މައުލޫމާތު މުޅިން ފުރިހަމަނުކުރެވިވާ ތަންތަނާއި، ބޯހިމެނުމަށް މައުލޫމާތު ހޯދުމަށް އެދި އެ ބިއުރޯގެ ލިޔުމެއް ލިބިފައިވާ ފަރާތްތައް ބިއުރޯގެ ހޮޓްލައިން 1423 އަށް ގުޅުއްވުމުން އެ ފަރާތްތަކުގެ ބޯހިމެނުމުގެ މައުލޫމާތު ފުރިހަމަކުރުމުގެ އިންތިޒާމް ހަމަޖައްސަމުން ގެންދާނެ ކަމަށެވެ.
މީގެ އިތުރުން ވެސް 29 ސެޕްޓެމްބަރުން ފެށިގެން އޮކްޓޯބަރ 3 ގެ ނިޔަލަށް އެ ބިއުރޯގެ ވެބްސައިޓްގައިވާ ފޯމް މެދުވެރިކޮށް އެކަން އަންގާލުމުން މައުލޫމާތު ފުރިހަމަކުރުމުގެ އިންތިޒާމް ހަމަޖައްސަމުން ގެންދާނެ ކަމަށް ވެސް އެމްބީސީން ވިދާޅުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!