ދިވެހީންގެ ނިންމުން ބޮޑުތަކުރުފާނާ އެއްކޮޅަށް ނިންމި މައިގަނޑު ސަބަބަކީ ޕޯޗްގީޒުންގެ އަނިޔާވެރި އަޅުވެތިކަމުން މި ލޮބުވެތި ވަޠަން މިނިވަންކޮށްދެއްވުމެވެ. އަދި އެ ހިނދު ޤައުމު ވެއްޓިފައިވާ އަނދިރި އަދި އެހާމެ ނާމާން ފުން ވަޅުގަނޑުން ނަންގަވައި ޤައުމު ބިނާކޮށްދެއްވައި އާރާސްތުކޮށް ދެއްވުމެވެ.
ޤައުމުގެ ހަޔާތުގައި އެ ރަދުންގެ ރަސްކަމަށްވުރެ ރައްޔިތުންގެ މެދުގައި އުފާފާތިކަމާއި ސުލުހަ މަސްލަހަތާއި އަމަންއަމާންކަން ވަކިން ބޮޑަށް އޮތް އެހެން ދުވަސްވަރެއް ނެތުމެވެ. އުތީމު މަހާރަދުންނަށްވުރެ ކުރިން ވެސް އަދި ފަހުން ވެސް ދެ ރަބީޢު އެކުއެކީ ޤައުމަށް ގެނެސް ދެއްވި ބަޠަލެއް އަދި ޒަޢީމެއް މި ޤައުމު ދެކެފައި ނުވާތީއެވެ. ދިވެހީންގެ ނިންމުމަކީ ބޮޑުތަކުރުފާނަށް ޤައުމީ ދުވަސް ނިސްބަތްކުރުމެވެ. މި ޤައުމުގެ އެންމެ އިސް އަދި އެންމެ ފަޚުރުވެރި ޤައުމީ ބަޠަލުގެ ދަރަޖަ ޣާޒީ ރަދުންނަށް އެރުވުމެވެ. ދިވެހީންގެ ބަހާއި ޢަމަލުންނެވެ. ހިތުގެ އެންމެ ފުންމިނުންނެވެ.
ޙަޤީޤަތް ވާނީ ޙަޤީޤަތަށެވެ. އިންޑިއާ އަޅުވެތިކޮށްގެން ގޯވާގައި އޮތް ޕޯޗްގީޒު ރަސްގެފާނުގެ ލަޝްކަރު މި ރާއްޖެއައެވެ. ދިވެހީންނާ ހަނގުރާމަކޮށް މި ރާއްޖެ ހިފައި އަޅުވެތިކުރިއެވެ. ދިވެހީންގެ މައްޗަށް ވެރިކަން ހިންގިއެވެ. މި ޤައުމުން ލިބެންހުރި ހުރިހާ މަންފާއެއް ދަމައިގަތެވެ. ދިވެހީންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކުރިއެވެ. އަންހެނުންގެ ޢިއްފަތް ފޭރުނެވެ. އެ މީހުންގެ ބާރާއި ދުނިޔެވީ ދަޅައިގައި ޖައްސައިގެން ބަޔަކު އިސްލާމްދީނުން ބޭރުކުރިއެވެ. ރުހުނަސް ނުރުހުނަށް ރާއްޖޭގައި ކްރިސްޓިއަންދީން ހިންގާނެކަމުގެ އަމުރު ނެރުނެވެ. ދިވެހީންގެ ކަރަށް ރާއަޅާނެކަމަށާއި އިސްލާމްދީން ދޫކޮށްނުލާ މީހަކަށް އޮތީ ސީދާ މަރުކަމަށް އިޢުލާން ކުރިއެވެ. ކަނޑީގެ މިޔައާއި ކަނދުރާއާ ދެމެދުގައި އޮތީ ޝަހާދަތުގެ ދެ ކަލިމައާމެދު ނިންމާ ނިންމުމެކެވެ. އެ ވަގުތު އައީ ކައިރިވަމުންނެވެ.
އެ ހާލަތު ހިތްމައްޗަށް ގެންނަވާށެވެ. ޕޯޗްގީޒުންގެ ބަތްތަށްޓަށް ވެއްޓިގެން އުޅުނު މަދު މީހަކު ފިޔަވައި ދިވެހީންގެ ތެރޭގައި ގިނަ ބަޔަކު އެތިބީ އިސްލާމްދީނުގެ މަތީގައި ސާބިތުވެ ތިބުމަށް ގަސްތުކޮށް ޢަޒުމް ކަނޑައަޅައިގެންނެވެ. ޕޯޗްގީޒުންނާ ދެކޮޅަށް އުފުލާ ވަރުގެ ހަތިޔާރެއް އަތުގައި ނެތަސް އެ މީހަކު އަތުޖެހުނު ލަޓިބުރިއެއް، ކުރެދިބުރިއެއް ނަމަވެސް ހިފައިގެން ނުކުމެ ދީނާއި ޤައުމުގެ ދިފާޢުގައި ފިދާވެދާން ތިބީ އެއްބަސްވެގެންނެވެ. އެހާލަތުގައި ވެސް އުންމީދެއް އޮތެވެ. އެއީ އުތީމު ބޮޑުތަކުރުފާނެވެ.
ޕޯޗްގީޒުން ތައްޔާރުވެ އިންތިޒާރުގައި އެ ތިބީ އިރުއަރަން އޮތް ދުވަހަށެވެ. ބާރުގެ ބޭނުންކޮށް އަނިޔާވެރިކަން ދައްކާލުމަށެވެ. އެކަމަކު އެދުވަހުގެ އިރުއެރީ އެ މީހުންގެ ތަދުބީރުތަކަށް ފުރުސަތު ދެމުންނެއްނޫނެވެ. އޭގެބަދަލުގައި ކީރިތިވަންތަ ﷲގެ ދީނަށް ނަޞްރު ދެމުންނެވެ. އެކަލާނގެ އިސްމުފުޅުތައް މަތިވެރިވެރިކޮށް ނަޣަރާ ކުރަމުންނެވެ. ދިވެހީންނަށް މިނިވަންކަމުގެ އުފާވެރި ޚަބަރު ދެމުންނެވެ.
އުތީމު ބޮޑުތަކުރުފާނު ޕޯޗްގީޒުންނާ ދެކޮޅަށް ކުރެއްވި ވަރުގަދަ ޖިހާދުގައި އަށެއްކަ އަހަރު ހޭދަކުރެއްވިއެވެ. އެއީ މި ޤައުމުގެ މިނިވަންކަމަށް ޓަކައި ކުރެވުނު އެންމެ ގިނަދުވަސްވީ ހަނގުރާމައެވެ. އެ ހަނގުރާމަ ކުރީ އޭރު ދުނިޔޭގައި އޮތް އެންމެ ބޮޑު ބާރުގެ ލަޝްކަރަކާ ދެކޮޅަށެވެ. އެއީ "ކަނޑުގެބާޒު" އެވެ. އަނގަމަތި އޮޑިއެއްގައި ފަންރިޔަލުގައި ރެއާއި ދުވާލު ކަނޑުމަތީގައި ހޭދަކުރެއްވި ދިވެހި ލަޝްކަރުގެ ކޮމާންޑަރަކީ އުތީމު މުޙައްމަދު ތަކުރުފާނެވެ. އަރިހުގައި ތިއްބެވީ އެއްބަފާ ބޭބޭފުޅު ޢަލީތަކުރުފާނާއި އެއްބަޑު އެއްބަފާ ކޮއްކޯފުޅު ޙަސަން ތަކުރުފާނާއި ދުވާފަރު ޢަލީ ދަންޑަހެލާއި ތިމަރަފުށީ ޙަސަން ޙާޖީއާއި ޢަލީ ޙާޖީއެވެ. ދިވެހިރައްޔިތުންގެ މަދަދާއި އެހީތެރިކަމާއި ހެޔޮދުޢާ އިންތިހާއަށް ލިބިވަޑައިގެންނެވިއެވެ. އޭގެތެރެއިން ވެސް އެންމެ ބޮޑު މަދަދުގާރަކީ މަރޮށީ ރައިވެރިބެއެވެ.
އެ ހަނގުރާމައިގައި ބޭބޭފުޅު ޢަލީ ތަކުރުފާނު ޝަހީދުވެވަޑައިގަތެވެ. އެކަމަކު ހިތްވަރުފުޅު އެލުވައި ނުލައްވައި ވަޑައިގަތީ ކުރިއަށެވެ. އެންމެފަހުން އެ ނޫން އެހެން ގޮތެއް ފެނިވަޑައި ނުގަތުމުން ބޭރުގެ އަސްކަރީ އެހީ ހޯއްދެވިއެވެ. އެކަމަކު ޤައުމު ބޭރު ބައެއްގެ އަތްމައްޗަކަށް ދޫކޮށެއް ނުލައްވައެވެ. ދިވެހީންގެ ސިޔާދަތީ ބާރު ދެމެހެއްޓެވިއެވެ. އިސްތިޤުލާލަށް ރައްކާތެރިވެވަޑައިގަތެވެ.
ބޮޑުތަކުރުފާނުގެ ޖިހާދަކީ ރާއްޖޭގެ ރަސްކަމުގެ ދަހިވެތިކަމުގައި ކުރެއްވި ޖިހާދެއް ނޫންކަން ތާރީޚުން ސާފުވެއެވެ. ޚުދު ޕޯޗްގީޒުންގެ ލިޔުންތަކުން ވެސް އެކަން އެނގެއެވެ. ދިވެހީންގެ ނިންމުން ބޮޑު ތަކުރުފާނާ އެއްކޮޅަށް ނިންމި ސަބަބުތައް ފެށެނީ ބޮޑިތަކުރުފާނުގެ ޤައުމީ ޖިހާދާ ހިސާބުންނެވެ.
ބޮޑުތަކުރުފާނު އިސްވެ ހުންވައި ޕޯޗްގީޒުންގެ އަތް ދަށުން ރާއްޖެ މިނިވަންކޮށް ދެއްވުމުގައި ރަސްކަމުގެ އެނދުންފުޅެއް، ނުވަތަ ދުނިޔޭގެ އުފާތަކާއި އަރާމުގެ ދަހިވެތިކަމެއް ނެތެވެ. ޕޯޗްގީޒުންގެ ކިބައިން ރާއްޖެ ސަލާމަތްކުރައްވައި ރަސްކަމަށް އިސްވެވަޑައިގަތުމަށް އަވަސްވެވަޑައިގެން އުޅުއްވާފައެއް ނުވެއެވެ. ހުންނެވީ ވަޒީރެއްގެ ގޮތުގައި ދައުލަތް ހިންގަވައިދެއްވާ ދިވެހީންގެ ޚާދިމެއްގެ ގޮތުގައެވެ. އެހެން ހުންނަވަނިކޮށް އަލްޢައްލާމާ މުޙައްމަދު ޖަމާލުއްދީން (ވާދޫ ދަންނަކަލޭފާނު) ކިޔަވާ ވިދާޅުވެގެން ރާއްޖޭން ބޭރުން ވަޑައިގަތުމާއެކު ރަސްކަމަށް އިސްވެވަޑައިގަތުމަށް ހުށަހެޅުއްވިއެވެ. ބޮޑުތަކުރުފާނު ދެއްވި ކަނޑިކޮޅުގައި ވާދޫ ދަންނަކަލޭފާނު ހިއްޕަވައި، އެ ތަކުރުފާނުގެ އަތްޕުޅަށް އަނބުރާ ރައްދުކުރައްވައި ބޮޑުތަކުރުފާނަށް ބައިޢަތު ހިއްޕެވި ހާދިސާ ހިނގާދިޔައީ ދިވެހީންގެ ކުރިމަތީގައެވެ.
އެ ދުވަސްވަރު ބޮޑު ތަކުރުފާނު މަސައްކަތް ކުރެއްވީ އަބުރާ ރާއްޖެހިފުމަށް ޕޯޗްގީޒުން ކުރި މަސައްކަތްތައް ކާމިޔާބުވިޔަ ނުދެއްވުމަށެވެ. އެ މީހުން ފޮނުވި ލަޝްކަރުތައް ބަލިކުރެއްވުމަށެވެ. ދިވެހީންގެ ހިތްވަރާއި ޢަޒުމާއި ސާބިތުކަން ދައްކުވައި ދެއްވުމަށެވެ. ޕޯޗްގީޒުންނަށް ކާމިޔާބު ނުވާނެކަން ކަށަވަރުވުމުން އެންމެފަހުން ދިވެހީންނާ ދެމެދު އެއްބަސްވުމެއް ޤާއިމުކުރަން މަޖުބޫރުވީކަމަށް ޕޯޗްގީޒުންގެ ލިޔުންތަކުގައި ވެއެވެ.
ޕޯޗްގީޒުންގެ އަތް ދަށުން ރާއްޖެ މިނިވަންކޮށް ދެއްވުމުން "އުތީމު ބޮޑުތަކުރު"ގެ ނަންފުޅުގެ ފަހަތަށް މާތްކުރުމުގެ ގޮތުން "ފާނު" އިތުރުކޮށް ފަހުން ރަސްކަލަކަށް ހެދީ ދިވެހީންނެވެ. ޣާޒީގެ ޢިއްޒަތް އެރުވީ ވެސް ދިވެހީންނެވެ. މަތިވެރިވެގެންވާ ނަމުގެ މާތްކަމާއި ޤަދަރުއުފުލިގެންވާ ރަސްކަލެއް ކަމުގައި ހެޔޮހިތުން ޤަބޫލުކޮށް ނަންފުޅުގެ ފަހަތަށް "އަލްއަޢުޡަމް" (ދަގްރޭޓް) ލިޔެކިޔަންފެށީ ވެސް ދިވެހީންނެވެ.
ބޮޑުތަކުރުފާނާއި ދޮންބަންޑާރައިންފަދަ ޤައުމަށް ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އެތައް ޤައުމީ ބަޠަލުންނެއް މި ޤައުމު ވަނީ ދެކެފައެވެ. ޤައުމީ ދުވަހެއް ރާއްޖޭގައި ފުރަތަމަ ފާހަގަކުރަންފެށީ 1946 ވަނަ އަހަރުއެވެ. އެ ދުވަސްވަރު ދިވެހީންގެ ވެރިކަމުގައި ތިއްބެވީ ހުރާގޭ ޢާއިލާއަށް ނިސްބަތްވެވަޑައި ގަންނަވާ ބޭފުޅުންނެވެ. ހުރާގޭ ދޮން ޙަސަންމަނިކު ނުވަތަ ދޮންބަންޑާރައިންނާ ލޭގެ ގުޅުން އޮތް ބޭފުޅުންނެވެ. އެ ބޭފުޅުންނަށް ވެސް ޤައުމީ ދުވަހަކަށް ހައްދަވަން ފެނިވަޑައިގެންނެވުނީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) ހޮޅީންގެ އަތްދަށުން ރާއްޖެ މިނިވަންކޮށްދެއްވި ދުވަހެއް ނޫނެވެ. ޤައުމީ ދުވަސް ކަނޑައެޅުމުގައި ދިވެހީންގެ ނިންމުން ބޮޑުތަކުރުފާނާ އެއްކޮޅަށް ނިންމީ އެއަށްވުރެ އެކަމަށް އެކަށީގެންވާ އެހެން ޚިދުމަތްތެރިއަކު މި ޤައުމު ދެކެފައި ނުވާތީއެވެ.
(ފޮޓޯ އަދި ކެޕްޝަން Naajih Didi )
މިއީ، ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރުގައި ހުރި ތަކެތީގެ ތެރެއިިން މީލާދީން 1573 އިން 1585 އަށް ދިވެހިރާއްޖޭގެ ވެރިކަންކުރެއްވި ބޮޑުތަކުރުފާނު ބޭނުންކުރެއްވި ބޮލުފޭލިކޮޅެއް ކަމަށް ބުނާ ފޭލިކޮޅެއް. އިހުގައި މި ފޭލިކޮޅު ރައްކާކުރެވިފައި އޮތީ މުލަކަތޮޅު ކޮޅުފުށީގައި ބޮޑުތަކުރުފާނު ބެހެއްޓެވި މިސްކިތުގައި. 1952 ގައި މާލޭގައި ހުޅުވުނު ދާރުލްއާސާރަށް މިފޭލިކޮޅު ގެނައީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!