ދިވެހި ރައްޔިތުން މިވަނީ މިއިން ދުވަހަކު ނުވާ ވަރަށް ފަގީރުވެފައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އޯއައިސީގެ ނައިބު ރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ފެށުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ ދިވެހިރައްޔިތުން މިއަދުގެ ސަރުކާރާ ރާއްޖޭގެ ވެރިކަން ހަވާލުކުރީ މި ގައުމަށް ތަނަވަސްކަމާއި ފާގަތިކަން ގެނަސްދިނުމަށް ކަމަށެވެ.
ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރާނެ ކަމަށް ވައުދާއި ހުވާ ކުރުމާއެކު ބައިނަލްއަގްވާމީ މަޝްރަހުގައި ރާއްޖެއަށް އޮންނަ އިތުބާރު އަނބުރާ ހޯދާނެ ކަމުގެ ޔަގީންކަން ދިނުމުން ރާއްޖޭގެ ވެރިކަން ހަވާލުކުރިނަމަވެސް މިދިޔަ ތިން އަހަރު ފެނިގެން ދިޔައީ ހިންގުމުގެ ތަޖުރިބާއެއް، ވައްޓަފާޅިއެއް އަދި ގާބިލުކަމެއް މި ސަރުކާރުގައި ނެތްކަން ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
ރާއްޖޭގެ އާމްދާނީން ބޮލަކަށް ޖެހޭ މިންވަރު މިހާރުވަނީ 2015 ވަނަ އަހަރު ހުރި ވަރަށް ވެއްޓިފައި ކަމަށާއި އަންހެނުންނާއި ޒުވާނުންގެ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އަދި ވަޒީފާ އަދާކުރާ އަންހެނުން އަދަދު ދަށަށް ގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ދުންޔާ އިތުރަށް ވިދާޅުވީ ބައިނަލްއަގްވާމީ މުޖްތަމައުގައި ރާއްޖެ ސިފަކުރަމުންދަނީ ދަސްކުރާ ބޯޑު ޖަހައިގެން އުޅޭ ގައުމެއްގެ ގޮތުގައި ކަމަށާއި ރާއްޖޭގެ އަބުރާ، ޝަރަފާ، ޢިއްޒަތާ ކަރާމާތް ވެއްޔާ މޮޑެވިފައިވާ ކަމަށެވެ.
އެމްއެންޕީ ގެ ފުރަތަމަ ކޮންގްރެސް މިއަދު ވެސް ކުރިއަށްދާއިރު، އަންނަ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވެސް ވާދަކުރުމަށް ވަނީ ނިންމާފަ އެވެ. އެހެންނަމަވެސް ރިޔާސީ ރޭހުގައި ވާދަކުރާނީ ކޮންބޭފުލެއްކަން ރަސްމީކޮށް ކަނޑައަޅާފައެއް އަދިނުވެއެވެ.
އެހެންނަމަވެސް ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް ނާޒިމް ވަނީި ރިޔާސީ ރޭހުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަކީ ދނަގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޟު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ޕާޓީއެެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!