ޅ. ތިލަމާފުށީގައި ހުއްދަނެތި ރިސޯޓު ތަރައްޤީ ކުރުމުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ސީޓީ އެޓް ތިލަމާފުށި ޕްރައިވެޓް ލިމިޓެޑް ކުރި ޖޫރިމަނާ ފައިސާ ދައްކައިފި އެވެ.

އީޕީއޭ އިން ބުނީ ގަވާއިދާ ޚިލާފަށް ކުށްކުރި ފުރަތަމަ ފަހަރަށް ކަނޑައެޅިފައިވާ 20،000.00 (ވިހި ހާސް) ރުފިޔާ އިން ސީޓީ އެޓް ތިލަމާފުށި ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރީ މި ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. އަދި މި ޖޫރިމަނާގެ ފައިސާ އެ ފަރާތުން ދެއްކީ މި ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

Ad
rt

އީޕީއޭ އިން ބުނީ އެ ކުންފުނި ޖޫރިމަނާ ކޮށްފައިވަނީ އެ އެޖެންސީގެ ހުއްދަނެތި، ޅ. ތިލަމާފުށީގައި ރިސޯޓު ތަރައްޤީ ކުރުމުގެ ބައެއް މަސައްކަތްތައް ކޮށްފައިވާކަން މި އެޖެންސީއަށް ސާބިތުވާތީ، ޤާނޫނު ނަންބަރ: 4/93 (ދިވެހިރައްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އިން ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދު ނަންބަރ: 2012/R-27 (ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު) ގެ ޖަދުވަލު (ޖ) ގެ 1 ވަނަ ނަންބަރުގެ ދަށުން ކަމަށެވެ.

މީގެ އިތުރުން އީޕީއޭ އިން ބުނީ ޅ. ތިލަމާފުށީގައި ރިސޯޓު ތަރައްޤީ ކުރުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތަކާއި ރަށުގެ ތިމާވެށީގެ މިހާރުގެ ހާލަތު، އީ.އައި.އޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު ރިޕޯޓެއް ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަސް ތެރޭގައި އެ އޭޖެންސީއަށް ހުށަހެޅުމަށް އަންގާފައިވާ ކަމަށެވެ. އަދި އެ ރަށުގައި ރިސޯޓު ތަރައްޤީ ކުރުމަށްޓަކައި މިހާރު ކުރެވިފައިވާ މަސައްކަތްތައް އީ.އައި.އޭ މޮނީޓަރިން ޕްލޭންގައި ހިމަނާ އަދި އިސްލާހުކޮށް، އާ މޮނީޓަރިންގ ޕްލޭން ހުށައަޅާނެ ކަމުގެ ލިޔުމެއް 07 ދުވަހުގެ ތެރޭގައި އެ އޭޖެންސީ އަށް ހުށަހަޅުމަށް މިމަހުގެ 21 ގައި އެ ކުންފުންޏަށް އަންގާފައިވާ ކަމަށް ވެސް އީޕީއޭ އިން ބުނެއެވެ.