1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގެ އަރާމު ނިދިން، ދިވެހިން ހޭލައްވާލި ބާރު އަޑަކީ ކިހާ ބިރުވެރިކަމެއްކަމެއް އެވަގުތު އެނގިފައި ނުވިނަމަވެސް މުޅި ދުވަސް ނިމިގެން ދިޔައީ ބިރުވެރި ކަމާއި ނާމާންކަމުގެ ތެރެއިން 19 ދިވެހިން ޝަހީދުކޮށްލުމަށް ފަހުއެވެ.
އެ ޢުދުވާނަށް މިއަދަށް 31 އަހަރު ވެފައިވާއިރު އެދުވަހުގެ ބިރުވެރި ހަނދާންތަކާއި އަޑުތައް ދިވެހިންގެ ކަންފަތުގައި ތާއަބަދަށް ހަރުލާފައި ހުންނާނެ ކަމާމެދު އެއްވެސް ޝައްކެތްނެތެވެ.
ދިވެހި ޚާއިނުންގެ މަދު ބަޔަކާއި ބޭރުގެ ކުލީ ސިފައިން ގުޅިގެން މި ދިވެހިރާއްޖެއަށް މިދިން ޙަމަލާގައި ހިތްވަރުގަދަ ދިވެހި ސިފައިންގެ 8 ބޭފުޅުންނާއި އެއްވެސް ކުށެއް ނެތް ދިވެހި ރައްޔިތުންގެ ތެރެއިން 11 ޢާންމުން ޝަހީދުވެގެން ދިޔައީ ދިވެހި ގައުމާއި ދީނުގެ ދިފާއުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ.
ކަށިން ހިތްވަރުނެރެ އެދުވަހު ދިވެހި ގައުމާއިި ދީނުގެ ދިފާއުގައި މަސައްކަތްކުރަމުން ގެންދަނިކޮން ޝަހީދުވެގެން ދިޔަ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށްޓަށް އުފަން ޝަހީދު ކޯޕްރަލް ޙުސައިން ޢާދަމަކީ ތިނެއް ނޮވެމްބަރުގެ ބަޠަލުގެ ގޮތުން ފާހަގަކުރެވޭ އެއް ޝަހުސިއްޔަތެވެ. މި ދުވަސް މުޅި ގައުމު ފާހަގަ ކުރައިރު މިއީ މުޅި ގައުމު ފަހުރުވެރިވާ އަދި ހަމައެއާއެކު މުޅި ތިލަދުންމަތި ފަހުރުވެރިކަމާއެކު ބަލައިގަންނަ ހުނަރުވެރި ދަރިއެއްވެސް މެއެވެ.
ނޮވެމްބަރ 3 ވީ ބުރާސްފަތިދުވަހުގެ ރޭ ފަތިހު 4 އިން 6 އަށް ބަނޑޭރިގޭ ބޭރުގޭޓް ހުޅަނގު ފަޅީގެ ޑީއުޓީއަށް ޙުސައިން އާދަމް ހުއްޓުނީ މިފަދަ ވަގުތެއް އަންނާނެ ކަމަށް އުންމީދުކޮށްގެން ނޫނެވެ. އެހެނަސް މިފަދަ ކޮންމެ ހަމަލާއަކަށް ފުރިހަމައަށް ތައްޔާރުވެ ފުރިހަމަ އަޒުމެއްގައެވެ. އެހެނަސް އުމުރުގެ ހަގު ކަމެއް ނުދައްކާ ދުޝްމަނުންނާއި ކުރިމަތި ލެއްވީ ސިފައިންގެ ތެރޭގައި ތިބި މީހުންނަށް ސިފައިންގެ ދިފާޢުކުރުމުގެ ފުރުސަތު ހޯދައިދިނުމަށެވެ.
ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެއަށް ވަންނަން މަސައްކަތްކުރި ދުޝްމިނުން ވަނަނުދީ ހިފަހައްޓާލެއްވީ، ޙުސައިން އާދަމްގެ ޙިކުމަތާ ހުނަރު ޤައުމީ ހިތްވަރު އޭގެ އެންމެ މަަތިވެރި ދަރަޖައިގައި ބޭނުން ކުރައްވައިގެން އަތުގައި އޮތް އެންމެ 60 ވަޒަނުންނެވެ. ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ހަމަލާ ނާކާމިޔާބުވެގެން ދިއުމާއި ދުޝްމިނުންނަށް ރައްދު ހަމަލާދިނުމަށް ސިފައިންނަށް އެފަރާތްތަކުގެ މަޤާމުތަކަށް ނިކުތުމުގެ ފުރުސަތު ލިބިގެން ދިޔައީ ޙުސައިން އާދަމުގެ ހިކުމަތްތެރިކަމާއި ހިތްވަރުގަދަ ކަމުގެ ސަބަބުންނެވެ.
ޝަހީދު ޙުސައިން އާދަމްގެ ޒިކުރާ
ފަހުގެ ތާރީޚުގައި އުފެދުނު ލާމަސީލު ޒުވާން ބަޠަލު އަގުހުރި ޝަހީދު pic.twitter.com/noC4tRTAri— Shather Kalaminja (@shathirhiri) November 2, 2019
ޙުސައިން އާދަމް އެހަމަލާގައި އެގޮތަށް ދެމިހުންނަވައި ޤައުމާ ވަތަނުގެ ޙައްގުގައި ލެޔާފުރާނައިން ޤުރުބާންވީއެވެ. މިދިވެހި ފަސްގަނޑު އަންނަން އޮތްޖީލުތަކަށް ޙިމާޔަތް ކޮށްދީ ޝަހީދުވީއެވެ. އެޒުވާން ބަޠަލް ދެއްކެވި ހިތްވަރާއި ފަންވަރުން ދުޝްމިނުންގެ މޮމެންޓަމް ގެއްލި ސިހުން ލިބި ތަމަޅައިންނަށް ދިވެހި ސިފައިންގެ ފެންވަރާއި ފަންވަރު ވަޒަންކުރެވިގެން ދިޔައެވެ.
އެއްވެސް މީހެއްގެ ކޮމާންޑެއްނެތި އަމިއްލައަށް އިސްނަގައި ދީނާއި ޤައުމަށްޓަކައި ޖިހާދު ކުރައްވާ، ރާއްޖޭގެ ޤައުމީ ދިފާޢީބާރުގެ ރަމުޒުކަމުގައިވާ ސިފައިންގެ ބޭރުފާރު އޭނާގެ ޤައުމީ ޖޯޝުން ފުރިގެންވާ ޒުވާން ހޫނު ލެއިން ތެންމާލިއެވެ. ދިވެހި ފަސްގަނޑުގައި އޭނާގެ ލޭގެ ކޯރު ދެމިގެން ދިޔައީ ފަޚުރުވެރި އަދި ޝަރަފުވެރި ރީތި ނަމެއް ދިވެހި ސިފައިންނަށް ހޯދައިދީފައެވެ. މިސަބަބުތަކަށްޓަކައި ޝަހީދު ޙުސައިން އަދާމް ގުނާލެވެނީ ޤައުމުގެ އެންމެ މަތިވެރި މުޖާހިދުންގެ ތެރޭގައެވެ.
ދިވެހީންގެ އެންމެ ފަރުދަކު ދިރިހުއްޓައިވެސް ރުހުމުން މިޤައުމު ތަމަޅައިގެ އަތްދަށަށް ދިޔަ ނުދޭނެކަން، ޙުސައިން އާދަމް ސާބިތުކޮށްދެއްވާފައި ވާއިރު އަޅުގަނޑުމެން ދިވެހިން ރައްޔިތުންގެ ފަރާތުން ވެސް އެދުވަހު ފެނިގެން ދިޔައީ ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ވަރުގަދަ ރޫޙެވެ. ރައްޔިތުންގެ މެދުގައި ޤައުމަށާއި ދީނަށް އޮތް ލޯބީގެ މަތިވެރިކަން އެދުވަހު ދިވެހިން ވަނީ ދައްކަދީފައެވެ. ސިފައިންގެ ސާބިތުކަމާއި ހުނަރުވެރިކަން ކުރި ހުވަޔާއި އެއްގޮތަށް އެދުވަހު މުޅިރާއްޖެއަށް ސާބިތުކޮށްދިނެވެ.
ޝަހީދު ހުސައިން އާދަމްގެ މިކެރުމާއި ޖޯށު ދިވެހި ކޮންމެ ދަރިޔެއްގެ ކިބައިގައިވެސް ހުންނަން ޖެހޭނެއެވެ. ހުސައިން އާދަމްގެ މިގުރުބާނީގެ އަގު މިއަދުގެ ޒުވާނުން އަދާކުރަން ޖެހޭނީ އަމަލާއި ބަހުންނެވެ. ފުރާނައިން ގުރުބާންވެގެން އެދިޔައީ ބޮޑުތަކުރުފާނުން ދައްކުވައިދިން މަގުންނެވެ. ތިލަދުންމަތީގެ ފަހުރު ދަމަހައްޓަމުން ގައުމަށްޓަކައި ގުރުބާން ވަމުންނެވެ.
އަޅުގަނޑުމެން އެންމެހާ ދިވެހިން ހާއްސަކޮން ތިލަދުންމަތީގެ މިއަދުގެ ޒުވާނުންވެސް ވާންވީ ހުސައިން އާދަމް ފަދައިން ދީނާއި ގައުމަށްް ވަފާތެރި ބައެއް ކަމުގައެވެ. އަޅުގަނޑުގެ ދުޢާ އަކީ މިލޮބުވެތި ވަތަން މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!