ބޯހިމެނުމުގެ މަސައްކަތަކީ ޤައުމީ މަސައްކަތެއްކަން ފާހަގަކުރައްވާ އެމަސައްކަތް ކުރިއަށްގެންދިއުމުގައި ކޮންމެ ރައްޔިތެއް ވެސް އެބާރުލުންދެއްވުމުގެ މުހިންމުކަން ނައިބު ރައީސް ފައިޞަލް ނަސީމް ފާހަގަކުރައްވައިފި އެވެ.
ހުޅުމާލޭގައި ހުންނަ "ބޯހިމެނުން 2022" ގެ މަސައްކަތް ކުރިއަށްދާ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތުތަކަކީ ރާއްޖެ ތަރައްޤީކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއް ކަމަށެވެ. އަދި އެފަދަ މަޢުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ އެކިކަންކޮޅުތަކަށް އެންމެ ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތުން ރާއްޖޭގެ ދުރު މުސްތަޤްބަލަށް ގިނަ ކަންކަން ރޭވުމަށް ފަސޭހަތަކެއް ލިބޭނެކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ވެސް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެކަމުގައި ވިދާޅުވެފަ އެވެ.
ނައިބު ރައީސް ވަނީ ބޯހިމެނުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކުން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އެ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ ކިޔެވުމުން ލިބޭ މަޢުލޫމާތާއި އެއްވަރަށް ޢަމަލީ ތަޖުރިބާލިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.
އެމަނިކުފާނު ވަނީ ބޯހިމެނުމުގެ އަމަލީ މަސައްކަތުގައި ދަރުމަވެރިންގޮތުގައި ގިނައިން މަސައްކަތްކުރައްވަނީ ޒުވާނުންކަން ފާހަގަކުރައްވައި މި މަސައްކަތުން ލިބޭ ތަޖްރިބާއަކީ އެ ބޭފުޅުންގެ މުސްތަޤްބަލަށް ލިބޭ މުހިންމު ތަޖްރިބާއެއްކަން ފާހަގަކުރައްވާފަ އެވެ.
މި ޒިޔާރަތްކުރެެއްވުމުގައި ހުޅުމާލޭގެ ބޯހިމެނުމުގެ ސެންޓަރުގައި މަސައްކަތްކުރައްވާ ބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މިހާރު ބޯހިމެނުމުގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާ މިންވަރަށް ބެއްލެވުމަށްފަހު އެދުވަހެއްގެ ޓާގެޓަށް މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވާފަ އެވެ. އަދި އެކަމުންދޭހަވަނީ ރައްޔިތުން ބޯހިމެނުމުގެ މަސައްކަތަށް އެއްބާރުލުން ދެއްވަމުންދާކަންކަމުގައި އެމަނިކުފާނު ފާހަގަކުރެެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!