ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ސެމީ ފައިނަލަށް ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބު އަދި ޓީމް ކުޅުދުއްފުށި ދަތުރުކޮށްފިއެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްޔެ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ވަނީ ސީދާ 3 ސެޓުން ޓީމް ނޮޅިވަރަމް ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނޯޅިވަރަންފަރު ސްޕޯޓްސް ކްލަބުގެ އަލީ ޙުޒާމް އެވެ.
މި މެޗުގެ ފުރަތަމަ ސެޓު 21-25 އިން ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބު ކާމިޔާބުކުރިއިރު ދެވަނަ ސެޓު އެޓީމުން ކާމިޔަބުކުރީ 22-25 އިން ނެވެ. މެޗުގެ ތިންވަނަ ސެޓު ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބުން ކާމިޔާބުކުރީ 25-27 އިންނެވެ. މެޗުގެ ތިން ސެޓުގައިވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮއްސައިވީއިރު މި މެޗުން ބަލިވުމާއިއެކު މި މުބާރާތުގައި ޓީމް ނޮޅިވަރަމް ބަލިކުރެވުނު ހަމައެކަނި ޓީމަކީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ.
ޓޭބަލްގެ 1 ވަނާގައި އޮވެ 12 ޕޮއިންޓާއި ފައިދާ ނުވަ ސެޓާއި އެކު ޓީމު ހަނިމާދޫ ސެމީ ފައިނަލަށް ދަތުރުކުރި އިރު އިއްޔެގެ މެޗުން ސީދާ ތިން ސެޓުން ބަލިވުމުން 12 ޕޮއިންޓާއި ފައިދާ 8 ސެޓާއިއެކު ޓޭބަލްގެ 2 ވަނާގައި އޮވެ ސެމީ ފައިނަލަށް ދަތުރުކުރީ ޓީމް ނޮޅިވަރަމް އެވެ. ޓޭބަލްގެ 3 ވަނާގައި 11 ޕޮއިންޓާއިއެކު ސެމީ ފައިނަލަށް ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ދަތުރު ކުރިއިރު ޓޭބަލްގެ 4 ވަނާގައި އޮތް ޓީމު ކުޅުދުއްފުއްޓަށް ލިބިފައިވަނީ 5 ޕޮއިންޓެވެ. ޓީމު ފިނޭއަށްވެސް 5 ޕޮއިންޓު ލިބިފައިވާއިރު ކުޅުދުއްފުށި ސެމީ ފައިނަލަށް ދަތުރު ކުރީ ބަލިވެފައިވާ ސެޓަށް ބަލެއިރު އެންމެ މަދުން ބަލިވެފައިވަނީ ކުޅުދުއްފުށި ކަމަށް ވާތީއެވެ. ކުޅުދުއްފުށި 12 ސެޓުން ބަލިވެފައިވާއިރު ފިނޭ ވަނީ 13 ސެޓުން ބަލިވެފައެވެ.
ސެމީ ފައިނަލް މެޗުތަށް ރޭވިފައިވާގޮތް
2 ނޮވެމްބަރ 2019: ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް-ޓީމް ކުޅުދުއްފުށި (16:00ގައި)
2 ނޮވެމްބަރ 2019: ޓީމް ހަނިމާދޫ-ޓީމް ނޮޅިވަރަމް (20:00ގައި)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!