ސްޕެނިޝް ލަލީގާގައި މެޑްރިޑް ޑާބީގެ ގޮތުގައި މަޝްހޫރުވެފައިވާ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ އެތުލެޓިކޯއިންނެވެ. އެތުލެޓިކޯގެ ޑިފެންޑަރ ފެލިޕޭ ބޮލުން ފޮނުވާލު ނުރައްކާތެރި ހަމަލާ ގޮސްފައި ވަނީ ގޯލު ދަނޑި މަތިން ބޭރަށެވެ. ފުރަތަމަ ހާފުގައި އެތުލެޓިކޯގެ ކަރެސްކޯއާއި މިޑްފީލްޑަރ ކޮންގޑޮންބިއާ ވެސް ވަނީ ރެއާލުގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
މެޗުގައި ރެއާލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރޮޑްރިގޯއެވެ. ރޮޑްރިގޯ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އެ ޓީމްގެ ޗުއަމެނީ އެތުލެޓިކޯގެ ޑިފެންސްގެ ފަހަތަށް ޗިޕް ކޮށްލި ބޯޅަ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު 36 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ފަހަކަށް އައިސް ރެއާލުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވަލްވަޑޭއެވެ. ވަލްވަޑޭ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ވިނީސިއަސް އެތުލެޓިކޯގެ އޭރިއާތެރެއަށް ވަދެ ފޮނުވާލު ހަމަލާ ދަނޑީގައި ޖެހިފައި ނުކުތްވަގުތު ދުރުކަނަށް ފޮނުވާލައިގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އެތުލެޓިކޯއިން ކުޅުން ރަނގަޅުކޮށް ލަނޑެއް ޖަހަން މަސައްކަތް ކުރިނަމަވެސް ރެއާލްގެ ޑިފެންސް ތެރެއިން މާ އެދެވޭ ފުރުޞަތެއް ހޯދިފައި ނުވެއެވެ. އެ ޓީމުން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބު ވެފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށެވެ. އެތުލެޓިކޯ އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މާރިއޯ ހާމޯސޯއެވެ. ގްރިޒްމަން ނަގައިދިން ކޯނަރު ރެއާލްގެ ކީޕަރު ކޯޓުއާ އަތުގައި ނުޖެހި ދިޔަ ބޯޅަ ގޯލަށް ވަނީ ހާމޯސޯ ގައިގައި ޖެހިފައެވެ. މެޗުގެ ފަހު ވަގުތުކޮޅު ހާމޯސޯއަށް ވަނީ ދެވަނަ ރީނދޫ ކާޑާއި އެކު ރަތް ކާޑު ދައްކާފައެވެ.
މި މެޗަށް ރެއާލް ނުކުތްއިރު އެއްމެޗު އިތުރަށް ކުޅެ ބާސާ އޮތީ ތާވަލުގެ އެއްވަނާގައެވެ. ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗު ވެސް ރެއާލުން ކާމިޔާބު ކޮށްފައިވާއިރު، 18 ޕޮއިންޓާއިއެކު މިވަގުތު އެއްވަނާގައި އޮތީ ރެއާލެވެ. ދެވަނާގައި ހަ މެޗުން ލިބުނު 16 ޕޮއިންޓާއިއެކު ބާސާ އޮތްއިރު، ހަ މެޗުން 15 ޕޮއިންޓް ހޯދައިގެން ތިން ވަނާގައި އޮތީ ރެއާލް ބެޓިސްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!