ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ރާއްޖެތެރޭ ހުރި ހޮސްޕިޓަލުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ އެއް ހޮސްޕިޓަލެވެ.
އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާފަރާތްތައް ގިނަކަން އެންމެ ބޮޑަށް އިހުސާސް ކުރެވޭނީ ހަފްތާގެ ބަންދު ދުވަސްތައްކުގައި އެތަނަށް ޒިޔާރަތް ކޮށްލުމުންނެވެ. ހާއްސަ ގޮތެއްގައި ހޮނިހިރު ދުވަސްފަދަ ދުވަހެއްގައެވެ.
ޚިދުމަތް ހޯދަން ދާ ފަރާތްތައް ހޮސްޕިޓަލްތެރޭ އިށީއިނުމަށް ބެހެއްޓިފައިވާ ގޮނޑިތައް ފުރި އެތައްބަޔަކު ކޮޅަށް ތިބޭ މަންޒަރާއި، އެތެރޭގައި ޖާގަ ނެތުމުގެ ސަބަބުން ހޮސްޕިޓަލުގެ ބޭރުގައި މަޑުކޮށްގެން ތިބެންޖެހޭ މަންޒަރަކީ އެފަދަ ދުވަހެއްގައިނަމަ އާންމުކޮށް ފެންނާނެ މަންޒަރެވެ.
ހޮސްޕިޓަލުގެ ކުރިމަތީގައި ހުންނަ ގަހުގެ ހިޔަލުގައި ވެސް އެތައްބަޔަކު މަޑުކޮށްގެން ތިބޭއިރު، ޓޯކެން ނަމްބަރު ބޭރަށް ފެންނަ ގޮތަށް ސްކްރީން ބެހެއްޓިފައި ނެތުމުން އިރޮޅަކާ އިންނަ ތަނުން ތެދުވެ ޓޯކެން ނަމްބަރު ބަލަން ސްކްރީންދަށް ހިނގަން ޖެހުމަކީ ތަކުލީފެކެވެ. އަދި އެއީ އެންމެ ރައްކާތެރި ގޮތަކަށް ވެސް ނުވެއެވެ. ހޮސްޕިޓަލުގެ ދޮރުމައްޗަކީ ބަލިމީހުން ގޮވައިގެން އަންނަ އެމްބިއުލާންސްގެ އިތުރުން ހޮސްޕިޓަލަށް އަންނަ އެހެން މީހުން ގޮވައިގެން އަންނަ ކާރުތައް މަޑުކުރާތަނަށް ވުމުން އެތަނުން އަބަދު ހުރަސްކޮށް ހެދުމަކީ އެންމެ ރައްކާތެރި ގޮތެއް ވެސް ނޫނެވެ.
މިކަމާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަމުން އެ ހޮސްޕިޓަލުން އާންމުކޮށް ޚިދުމަތް ހޯދަމުން އަންނަ ކުޅުދުއްފުށީ ރައްޔިތަކު ބުނެފައިވަނީ އެ ހޮސްޕިޓަލަކީ އާންމުގޮތެއްގައި ވެސް ބާރުބޮޑު ހޮސްޕިޓަލެއް ކަމަށާއި، ހާއްސަކޮށް ހޮނިހިރު ދުވަސްފަދަ ބަންދު ދުވަހެއްނަމަ އެ ތަނަށް ޚިދުމަތް ހޯދަންދާ ފަރާތްތައް އިށީއިނުމަށް ބަހައްޓާފައިވާ ގޮނޑިތައް ފުރިގެން ކޮޅަށް ވެސް މީހުން ތިބޭކަމަށެވެ.
ހޮސްޕިޓަލްގެ ކުރިމަތީގައި ބެހެއްޓިފައިވާ ގޮނޑިތަކުގައި ވެސް ގިނަ އަދަދެއްގެ މީހުން ތިބޭ ކަމަށާއި، ނަމަވެސް ޓޯކެން ނަމްބަރު ފެންނަ ގޮތައް ހޮސްޕިޓަލްގެ އެތެރޭގެ އެކި ސަރަހައްދު ތަކުގައި ބަހައްޓާފައި ހުންނަ ފަދަ ސްކްރީނެއް ހޮސްޕިޓަލުގެ ދޮރުމަތީގައި ހުންނަ ގަސްތަކުގެ ދަށުގައި ބެހެއްޓިފައިވާ ގޮނޑިތަކުގައި ތިބޭ ފަރާތްތަކަށް ފެންނާނެ އިންތިޒާމެއް ހަމަޖެހިފައި ނުވާ ކަމަށެވެ. އެތަނަށް ޓޯކެން ނަމްބަރު ނުފެނުމުގެ ސަބަބުން އިރުކޮޅަކާއި ތެދުވެގެން ގޮސް ހޮސްޕިޓަލްގެ ތެރެއަށް ވަދެ ނަމްބަރު ބަލަން ޖެހުމުން އެތަނުގައި ތިބޭ ފަރާތްތަކަށް ބޮޑެތި ތަކުލީފް ކުރިމަތިވަމުން އަންނަ ކަމަށެވެ.
އޭނާ އިތުރަށް ބުނެފައި ވަނީ ހޮސްޕިޓަލްގެ ދޮރުމައްޗަށްވާ ގޮތަށް ހުންނަ ގަސްދޮށުގައި ބެހެއްޓިފައި ހުންނަ ގޮނޑިތަކުގައި ގިނައިން ތިބޭ ކަމަށް ފާހަގަ ކުރެވިފައި ވަނީ އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކުޑަކުދިން ގެންގުޅޭ ފަރާތްތައް ކަމަށެވެ.
މީގެ އިތުރުން މިކަން ފާހަގަކޮށް ސޯސަލް މީޑީއާގައި އާންމުންގެ މީހަކު ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މިއަދު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ކޮއްކޮ ޑޮކްޓަރަށް ދައްކަލާން ދިޔައިރު ވަރަށް ގިނަ މީހުން ޚިދުމަތް ހޯދަން އައިސްތިބި ކަމަށާއި މެމޯ ހައްދާލުމަށް ފަހު އިށީނދެލާނެ ގޮނޑިއެއް ފެނޭތޯ ބަލައިލިއިރު އެ ސަރަހައްދުގައި ހުސް ގޮނޑިއެއް ފެންނާކަށް ނެތްކަމަށެވެ. އެހެންވެ ގަސްތުކުރީ ބޭރު ގަސްދޮށުގައި މަޑުކޮށްލަން ކަމަށާއި ގަސްދޮށުގައި މަޑުކޮށްލިތަނާހެން ކައިރީ ހުރި ކޮއްކޮ ތިމަންނާއަށް ގޮވާލުމަށް ފަހު "ބޭބޭ! މިތާ ބޭރަށްފެންނަ ގޮތަށް ވެސް ސްކްރީނެއް ބަހައްޓާނަމަ ވަރަށް ސަޅިވާނެ ދޯ؟ އޭރުން މިތާ ތިބޭ މީހުންނަށްވެސް ކިހާ ފަސޭހަވާނެ! " ކޮއްކޮ މިހެން ބުނިކަމަށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ފަސޭހަ ވާނޭފަދަ ޚިދުމަތްތައް އިތުރު ކުރަމުން އަންނައިރު އެ ހޮސްޕިޓަލުން ވަނީ އޮންލައިން ކޮށް ކިއު ނަމްބަރު ބެލޭނޭ އިންތިޒާމް ހަމަޖައްސާފައި ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ނަމަވެސް މީގައި ދެނެގަންނަން ޖެހޭ ހަގީގަތަކީ އޮންލައިންކޮށް ޓޯކެން ނަމްބަރު އެންމެންނަށް ނުބެލޭނެކަމެވެ. ސަބަބަކީ އެންމެންނަކީ ސްމާޓް ފޯން ގެންގުޅޭ މީހުންނަށް ނުވުމުގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވެސް އޮންލައިންކޮށް ޓޯކެން ނަމްބަރު ބެލުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމަކަށް ވުމެވެ.
މިކަމާއި ގުޅޭގޮތުން "ތިލަދުން" އިން ކުރި ސުވާލަކަށް ޖަވާބުދެމުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަހްމަދު ދާއޫދު ވިދާޅުވީ، ހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ އެންމެހާ ފަރާތްތަކަށް ވީހާވެސް ފަސޭހަކަމާއިއެކު ޚިދުމަތް ލިބޭނޭގޮތަށް ހުރިހާކަމެއް ވެސް ބައްޓަން ކުރުމަށް އަބަދުވެސް އިސްކަން ދެމުން އަންނަ ކަމަށާއި، އެކަށީގެންވާ ބަދަލުތައް ގެނައުމުގައި ޚިދުމަތް ހޯދާފަރާތުގެ ކޮމެންޓުގެ އިތުރުން ކަމާއި ގުޅުންހުރި ތަޖުރިބާކާހުރި ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ވެސް ހޯއްދަވާ ކަމަށެވެ.
މިގޮތުން ޓޯކެން ނަމްބަރު ފެންނަ ސްކްރީންތައް އިތުރު ކުރަންޖެހޭ ތަންތަނަށް ސްކްރީންތައް އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އޮތްތަނުގައި ކުރެވިގެން ދާނެ ކަމަށާއި، އަލަށް ހަދަމުންދާ އޯޕީޑީ ބައި ނިންމާ ބޭނުންކުރަން ފެށުމުން މިފަދަ ކިތަންމެ ކަމަކަށް އެކަށީގެންވާ ހައްލު އަންނާނެކަން ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!