ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވަނީ ތަފާތުކުރުމެއްނެތް ސިޔާސަތެއް ކަމަށް ވިދާޅުވެ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދު ﷲ (މޮސްޓާ) ރައީސް ޞާލިޙަށް ތައުރީފް ކުރަށްވާފައެވެ.
މޮސްޓާ އެ ރަށަކަށް ނިސްބަތްވާ އަދި ރައްޔިތުންގެ މަޖިލިސްގައި ތަމްސީލްކުރާ ނޮޅިވަރަމް ދާއިރާގައި ހިމެނޭ ނޮޅިވަރަމްފަރުގެ ފެނުގެ ޚިދުމަތް އިއްޔެ ވަނީ އިފްތިތާޙް ކޮށް، އެ ޚިދުމަތް އެރަށުގައި ފަށާފައެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުން ދައުވަތުދެއްވައިގެން މޮސްޓާ ވެސް ބައިވެރިވެ ވަޑައިގަތެވެ.
އާރުޑީސީގެ މެނޭޖިން ޑައިރެކްޓަރ މޫސާ އަލިމަނިކު (މޫކޭ) ވަނީ އެ ރަސްމިއްޔާތުގައި މޮސްޓާ ދެއްކެވި ވާހަކައިން ތަންކޮޅެއް މީސް މީޑިއާއަށް ދޫކޮށްލައްވާފައެވެ. އެއާއެކު މޫކޭ ވަނީ މޮސްޓާގެ ވާހަކައިން ތަންކޮޅެއް ވެސް ލިޔުއްވާފައެވެ.
‘’ހއ. ތުރާކުނުން ފެށިގެން ނ. އަތޮޅު ކަނޑޫގަނޑާ ހަމައަށް އަޅުގަނޑު ފިޔަވާ އެމްޑީޕީ ނޫން މެމްބަރެއް ނުހުންނާނެ. އެކަމަށް ބެލުމެއްނެތި ރައީސް ޞާލިޙް އަޅުގަނޑާ ވެސް ކަންތައްތަކާ މަޝްވަރާ ކުރައްވައިގެން އެގެންދަވާ ގެންދެވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަ ކުރާކަމެއް." މޮސްޓާއާއި ހަވާލާދީ މޫކޭ ލިޔުއްވާފަވެއެވެ.
ދާދިފަހުން ލ. ގަމުގައި ބޭއްވި ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ވެސް ސަރުކާރުން ދައުވަތު ދެއްވައިގެން މޮސްޓާ ބައިވެރިވިއެވެ. އެ ކޮންފަރެންސްގައި ލިބުނު ފުރުސަތުގެ ތެރެއިން ނޮޅިވަރަންފަރާއި، ދާއިރާގެ ތަރައްޤީއަށް ނުވެހުރި ކަންކަން އަވަސްކޮށް ދެއްވުމަށް ރައީސް އަރިހު ދެންނެވިކަމަށް އިއްޔެގެ ރަސްމިއްޔާތުގައި މޮސްޓާ ވިދާޅުވިއެވެ. އަދި ވަޒީރުންނަށް ދަންނަވައިގެން އެކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ދެއްވީ ވަރަށް ޕޮޒިޓިވް ޖަވާބެއްކަން ވެސް ފާހަގަ ކުރެއްވިއެވެ.
މޮސްޓާއަކީ މިނިވަން މެންބަރެކެވެ. އޭނާ މީގެ ކުރިން ވަނީ އިދިކޮޅު ޕީޕީއެމްގެ ބައެއް ހަރަކާތްތަކުން ފެނިފައެވެ. އަދި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޖަލްސާއަކުން ވެސް ފެނިފަވެއެވެ. ނަމަވެސް މިހާތަނަށް ވެސް އޭނާ ހުންނެވީ މިނިވަން މެންބަރެއްގެ ގޮތުގައެވެ.
މޮސްޓާއަކީ ވަރަށް ބޮޑަށް އެމްޑީޕީ އަށާއި، އެޕާޓީގެ ރައީސް، މަޖިލިސް ރައީސް މުޙައްމަދު ނަޝީދަށް ފާޑުވިދާޅުވެ ވާހަކަދައްކަވާ މެންބަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!