އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާއި ސެލަނިޓާނާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖހާފައި ވަނީ ސެލަނިޓާނާއިންނެވެ. މި ލަނޑު މެޗުގެ 18 ވަނަ މިނިޓުގައި ޕަސްކުއޭލް މަޒޯކީ އޭރިއާ ތެރެއަށް ވަދެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ގޯލުތެރެއަށް ފޮނުވާލައިގެން އެ ޓީމަށް ލީޑު ނަގައިދިނީ އެންޓޯނިއޯ ކަންޑްރޭވާއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސެލަނިޓާނާއިން ވަނީ ދެ ލަނޑުޖަހާފައެވެ. ދެވަނަ ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތިން މިނެޓުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ޕިއަޓެކެވެ. ސެލަނިޓާނާއަށް މި ޕެނަލްޓީ ލިބިފައި ވަނީ ޔުވެންޓަސްގެ ޑިފެންޑަރ ބްރެމާގެ އަތުގެ ބޯޅަ ޖެހުމާއި ގުޅިގެންނެވެ.
ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި ޔުވެންޓަސް ފެނުނީ ވަރުގަދަ ކޮށެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިތާ ހަމިނެޓްތެރޭ ޔުވެންޓަސްއިން ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ކޮސްޓިޗް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ބްރެމާއެވެ.
ޔުވެންޓަސްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވިފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. ޔުވެންޓަސްގެ ޑިފެންޑަރ ސަންޑްރޯއަށް ސެލަނިޓާނާގެ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ، ޔުވެންޓަސްގެ ކެޕްޓަން ބޮނޫޗީ ފޮނުވާލި އިރު ސެލަނިޓާނާގެ ކީޕަރުވަނީ އެ ޕެނަލްޓީ މަތަކޮށްފައެވެ. ނަމަވެސް ކީޕަރު އަތުގައި ޖެހިފައި ނުކުތް ބޯޅަ ބޮނޫޗީ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
އޭގެ މިނެޓެއް ފަހުން ޔުވެންޓަސްއަށް ލިބުނު ކޯނަރަކުން މިލިކް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ޔުވެންޓަސްއަށް ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައަވެ. ނަމަވެސް މިލިކް އެ ބޯޅަ ސެލަނިޓާނާގެ ގޯލަށް ފޮނުވާލިއިރު އޮފްސައިޑްގައި ހުރި ބޮނޫޗީ އެއަށް މަސައްކަތް ކުރުމުން ވީއޭއާރުން ބެލުމަށް ފަހު ގޯލު ވަނީ ކެންސަލް ކޮށްފައެވެ.
މި ލަނޑު ޖެހުމަށް ފަހު މިލިކް ވަނީ ޖޯޒީ ބާލައި އުފާފާޅު ކޮށްފައެވެ. ޖޯޒީ ބޭލުމުގެ ސަބަބުން މެޗުގެ ރެފްރީވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކާފައެވެ. މެޗު ނިމުމަށް ފަހު ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ޔުވެންޓަސްގެ ކޯޗަށް ވެސް ވަނީ ރަތްކާޑު ދައްކާފައެވެ. މީގެ އިތުރުން ޔުވެންޓަސްގެ ކުއަޑާޑޯއަށާއި ސެލަނިޓާނާގެ ކެޕްޓަން ފާޒިއޯއަށް ވެސް ރެފްރީ ވަނީ ރަތްކާޑު ދައްކާފައެވެ.
މި ނަތީޖާއާއި އެކު ކުޅުނު ހަ މެޗުން ލިބުނު 10 ޕޮއިންޓާއިއެކު ޔުވެންޓަސް އޮތީ ތާވަލުގެ ހަތް ވަނާގައެވެ. ސެލަނިޓާނާއޮތީ ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާއިއެކު ތާވަލުގެ 10 ވަނާގައެވެ. މިވަގުތު ތާވަލުގެ އެއްވަނާގައި އޮތް ނަޕޯލީއަށާއި ދެވަނާގައި އޮތް އެތުލާންޓާގެ އިތުރުން ތިން ވަނާގައި އޮތް އޭސީ މިލާނަށް ކުޅުނު ހަ މެޗުން ލިބިފައި ވަނީ 14 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!