ހއ. ބާރަށުގައި ވައްކަމުގެ މައްސަލަތައް އިތުރުވެ ރައްޔިތުންގެ މުދަލާއި ގެދޮރަށް ގެއްލުން ލިބެމުންދާތީ އެކަން ހުއްޓުވޭނެ ގޮތެއް ހޯދުމަށް މަޝްވަރާކުރުމަށް އެ ކައުންސިލުން ހއ. އަތޮޅު ޕޮލިސް ކޮމާންޑަރާއި ބައްދަލު ކޮށްފިއެވެ.
ބާރަށުގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުން އައުމާއި ގުޅޭގޮތުން މި ނޫހާއި ވާހަކަފުޅު ދައްކަވަމުން ބާރަށު ކައުންސިލުގެ ރައީސް ޞައްފަތު މުޙައްމަދު ވިދާޅުވެފައި ވަނީ މަސްތުވާތަކެތީގެ މައްސަލައަކީ އެ ރަށުގައި ޒަމާންވީ މައްސަލައެއް ކަމަށާއި، ނަމަވެސް ފާއިތުވި އަހަރެއް، ދޮޅު އަހަރެއްހާ ދުވަހު ވައްކަމުގެ މައްސަލަތައް ރިޕޯޓް ކުރެވޭ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައި އޮތުމަށް ފަހު، މި ފަހަކަށް އައިސް ވައްކަމުގެ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
ޞައްފަތު އިތުރަށް ވިދާޅުވެފައި ވަނީ މި ފަހަކަށް އައިސް އެ ރަށުގެ ބައެއް ގެތަކުން ފައިސާއާއި އަގުބޮޑެތި އިލެކްޓްރޯނިކް ސާމާނު ވަގަށް ނަގާފައިވާ ކަމަށާއި އަދި މީގެ އިތުރުން މަސައްކަތު ސައިޓްތަކުގައި މަސައްކަތް ކުރުމަށް ގެންގުޅޭ ބައެއްކަހަލަ އަގުބޮޑެތި ޓޫލްސް ވެސް ވަގަށް ނަގާފައިވާ ކަމަށެވެ.
ޞައްފަތު އިތުރަށް ވިދާޅުވެފައި ވަނީ ވައްކަމުގެ މަސްސަލަތައް ވެސް ގޮސް ގުޅެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ކަމަށާއި، ބާރަށުގައި ވައްކަން އިތުރުވެގެން ދާ ކޮންމެ ފަހަރަކު އެ އަމަލު އިތުރުވަނީ ކޮންކޮން ބަޔަކު ރަށަށް އައުމުން ކަން ވެސް ރައްޔިތުންނަށް އެނގޭ ކަމަށެވެ.
ޞައްފަތު އިތުރަށް ވިދާޅުވެފައި ވަނީ ވައްކަމުގެ މައްސަލަތައް ހުއްޓުވުމާއި ގުޅޭގޮތުން ބާރަށު ޕޮލިސްޓޭޝަނާއި ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށާއި ނަމަވެސް މިއަދާ ހިސާބަށް ވެސް އެދެވޭ ހައްލެއް ލިބިފައިނުވާތީވެ، ވައްކަމުގެ މައްސަލަތަކުގެ އިތުރުން ރަށުގައި ހުރި މުހިންމު ބައެއް އިތުރު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް، ހއ.އަތޮޅު ޕޮލިސް ކޮމާންޑަރު އާދަމް މުއީނު މިއަދު ބާރަށް ދުރުވެފައި ވަނީ އެ ކައުންސިލުގެ އެދުމުގެ މަތިން ކަމަށެވެ.
ޞައްފަތު އިތުރަށް ވިދާޅުވެފައި ވަނީ ވައްކަމުގެ މައްސަލަތަކާއި އަދި މިނޫން ވެސް މައްސަލަތައް ހައްލު ކޮށްދެއްވުމަށް އެ ރަށުގައި ޤާއިމްވެ ތިއްބަވާ ފުލުހުންގެ އަދަދު އިތުރު ކޮށްދެއްވުމަށް ކޮމާންޑަރުގެ އަރިހުގައި އެދިލައްވާފައި ވާނެ ކަމަށާއި، ކޮމާންޑަރާއި މަޝްވަރާ ކުރެވުނު ކަންކަމާއި ގުޅޭގޮތުން ވަރަށް އުންމީދީ ޖަވާބުތަކެއް ދެއްވާފައިވާތީވެ، ކުރިއަށް އޮތްތަނުގައި ކަންކަން ވަރަށް ބޮޑަށް ހައްލުވެގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!