"އަހުރެންނަށް ފެންނަގޮތުގައި ކުރިއަށް މި އަންނާން އޮތް ފަސް އަހަރަކީ ވަރަށް ވިސްނައިގެން ކަންތައް ހިންގާންވީ ފަސް އަހަރެކެވެ. މިހެނީ، ދުނިޔެއަށް އައިސްފައިވާ ދަތިކަމާއި، އޮޅުދޫ ކަރައިގެ ތަދުކަމުން މި ދައުލަތަށް ލިބޭ އާމުދަނީއަށް ލިބެމުންދަނީ އުނިކަމެވެ."
މިއީ މީގެ 90 ވަރަކަށް އަހަރުގެ ކުރީގެ ވާހަކައެވެ. 1932 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 22 ވަނަ ދުވަހު ދިވެހިރާއްޖޭގައި ފުރަތަމަ ތަސްދީގުކުރެވުނު ޤާނޫނު އަސާސީ ތަސްދީގުކުރެއްވުމުގެ ގޮތުން އޭރު ދިވެހިރާއްޖޭގެ ރަސްކަމުގައި އިންނެވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ) ދެއްވި ޚުޠުބަތުލް ޢަރުޝީގައި ވިދާޅުވި ވާހަކަ ފުޅެކެވެ.
ޝަމްސުއްދީން ރަދުން އިތުރަށް ވިދާޅުވެފައި ވެއެވެ.
"މި ވެއަތުވެދިޔަ ތިޔާގެ ދުވަސްތަކެއްގެ ތަނަވަސްކަން ބޮޑުކަމުން މީސްތަކުންނަށް ދަސްވެ ހޭނިފައިވަނީ ވަރަށް ޚަރަދު ބޮޑު އުޅުމެކެވެ. މިހެންވީއިރު ހަމައެންމެންމެ މިކަންކަމަށް ވިސްނައި އުޅުން ޞުލްޙަކޮށް ޚަރަދުކުޑަކޮށް ތަކެތި ލިބޭނޭ ގޮތްތަކާއި މަސައްކަތްތަކަށް ފިކުރު ފޯރުވައި ދައުލަތް ހިންގާން ތިބި މީހުން ދައުލަތުގެ ޚަރަދު ވެވުނު ވަރަކުން ކުޑަކޮށް ރައްޔިތުންނަށް ބުރަވެދާނޭގޮތުން ހިފެވިފައިހުންނަ ފުއްޟޫލު ތަކެތި ހިފުން ކުޑަކުރެވޭން އޮތް ވަރަކަށް ކުޑަކޮށް އެމީހުންނަށް ލުއިކޮށްގެންމެ ރާއްޖޭގެ ތަޢުލީމާއި އަތުމަސައްކަތާއި ގޮވާންކުރެއްވުމާއި މަސްވެރިކަމާއި ފަރުހިލުމާއި ރުއްއެރުމާއި އަދި ބޭސްފަރުވާގެ ކަންކަމާއި އޮޑިދޯނި ބައްތެލިފަހަރާއި މި އެންމެހައި ކަންތަންމެ ވާނީ ރަނގަޅަށް ކުރިއަރުވާށެވެ."
ކޮވިޑް -19 އާއި ރަޝިޔާ އާއި ޔުކްރޭންގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގައި ތެލާއި ކާބޯތަކެތީގެ އަގު ދަނީ އުފުލެމުންނެވެ. ލޯނު ދަންތުރައިގައި ތާށިވެ، ކާބޯތަކެއްޗާއި ބޭހާއި ތެލަށްޖެހި އަވަށްޓެރި ސްރީލަންކާ ވަނީ ހާލުގައި ޖެހިފައެވެ. އެ ޤައުމަށް ކުރާ އިޤްތިޞާދީ އަސަރުތައް އެ ޒަމާނުގައި ރާއްޖެއަށް ކުރިގޮތަށް މި ޒަމާނުގައި ނުކޮށްފާނެއެވެ. އެހެންނަމަވެސް މިއީ ދިވެހީން ވެސް ވަރަށް ވިސްނައިގެން ކުރިއަށް ދާންވީ ހާލަތެކެވެ.
ޝަމްސުއްދީން ރަދުންގެ 1932 ވަނަ އަހަރުގެ ޚުޠުބަތުލް ޢަރުޝީގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ އެކުލަވާލެވުނު ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންފުޅުތައް ވެއެވެ. އަދި ދިވެހިރާއްޖެ އިސްލާމް ކުރެއްވި ބޭފުޅެއް ކަމުގައި ލިޔުއްވާފައިވަނީ އަބުލްބަރަކާތުލް ޔޫސުފުލް ބަރުބަރީ ކަމަށެވެ. ރާއްޖެ އިސްލާމް ކުރެއްވި ބޭފުޅަކީ ބަރުބަރީތޯ ނުވަތަ ތަބުރޭޒީތޯ ކުރެވޭ ބަހުސްގައި ޝަމްސުއްދީން ރަދުންގެ ރަޢުޔު ސާފެވެ.
ޝަމްސުއްދީން ރަދުން ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އަލިއަޅުވާ ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައި ވެއެވެ.
“މަގޭ ރައްޔިތުންނާއި މި ދައުލަތުގައި ތިބޭ ބޭރު ރައްޔިތުންނަށް ހަމަ އެއްވެސް ބާވަތަކުން އަނިޔާއެއް ކޮށްގެން ހަމަހިލައި ނުވާނެއެވެ."
މި ވާހަކަފުޅު ވެސް އަދުގެ ހާލަތާ ގުޅެއެވެ.






ނޯޓު: 22 ޑިސެންބަރު 1932 ގައި އޭރު ދިވެހިރާއްޖޭގެ ރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ) ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ތަޞްދީޤުކުރައްވައި ދެއްވި ޚުޠުބަތުލް ޢަރުޝި (މިހާރުގެ ގޮތުންނަމަ ރިޔާސީ ބަޔާން) އިން ނަގާފައި.
މާނަ:
އޮޅުދޫކަރަ - ސްރީލަންކާ
ފުއްޟޫލު - ބޭކާރުތަކެތި / އިތުރުވެފައި ހުންނަ ތަކެތި
އަތުމަސައްކަތް - އަތްތެރި މަސައްކަތް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!