ލަކުޑިން ހަދާފައިވާ ބުދެއް ހދ.ހަނިމާދޫއަށްވެސް ލައްގައިފިއެވެ.

ހަނިމާދޫ ބަނދަރު ސަރަހައްދުން މިރޭ ފެނިފައިވާ އެ ބުދުގައި ތިން ފޫޓުވަރު ހުންނާނެއެވެ. ހަރު ލަކުޑިއަކުން ހަދާފައިވާ އެ ބުދުގައި މީހެއްގެ މޫނު ސިފަވާގޮތަށް ކަނޑާނަގާފައިވާއިރު، ބުދުގެ ކުރިމަތިފަރާތަށް ވާގޮތަށް ދެ އަތް ހުރަހަށް ފާޅުވާގޮތަށް ވެސް ވަނީ ކަނޑާނަގާފައެވެ.

Ad
rt

މީގެ އިތުރުން ބުދުގެ ތިރީބައިގައި އިންސާނެއްގެ މޫނު ސިފަވާގޮތަށް ވެސް ބައެއްވަނީ ކަނޑާ ނަގާފައެވެ. މި ބުދު ގިނަދުވަސްތަކެއް ވަންދެން މޫދުގައި އޮތުމުގެ ސަބަބުން، ކަނޑު ރިނދަވެސް ވަނީ ކޮންމެވެސް ވަރަކަށް ޖަހާފައެވެ.

މި ބުދު ފެނުމާއިއެކު އާންމުންގެ ބަޔަކު ވަނީ ހަނިމާދޫ ޕޮލިސްޓޭޝަނަށް ގުޅައި ރިޕޯޓް ކޮށްފައެވެ. މިހާރު އެ ބުދުވަނީ ހަނިމާދޫ ޕޮލިސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ފަހުން އުތުރުގެ ބައެއް ރަށްތަކަށް ވަނީ މިފަދަ ބުދު ލައްގާފައެވެ.

މިގޮތުން މި މަހުގެ ހަވަނަ ދުވަހު ހއ. އިހަވަންދޫއަށް ވެސް ވަނީ ބަރަހަނާ ފިރިހެނެއް ރަމްޒުވާގޮތަށް އޮތް ބުދެއް ލައްގާފައެވެ.