ރިވެތި އަޚްލާޤަށް ވުރެ މުހިއްމު އެއްވެސް ކަމެއް ނޯންނާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ، ހުޅުމާލެ ފޭސް ދެއެއްގައި ހުޅުވި ފުރަތަމަ ސްކޫލް، ކާމިލްދީދީ ޕްރައިމަރީ ސްކޫލް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ނައިބު ރައީސް ވިދާޅުވީ، ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވަނީ ވަރަށް ފޮނިއުއްމީދަކާއި ޔަޤީންކަމަކާއިއެކުގައި ކަމަށެވެ. އަދި އެކުދިންނާއި މެދު ޤައުމުވެސް ފޮނިއުއްމީދުތަކެއް ކުރާ ކަމަށެވެ. މުދައްރިސުންނާއި ބެލެނިވެރިންނާއި ސަރުކާރުގެ ޒިންމާއެއް ވެސް އެބައޮތް ކަމަށް ވިދާޅުވެ، ޤައުމަށް ހެޔޮލަފާ ޖީލެއް ލިބެން އޮތީ، އެ ހުރިހާ ފަރާތްތަކަކުންވެސް އެފަރާތްތަކުގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިވެތި އަޚުލާޤަށް ވުރެ މުހިއްމު އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ، ދަރިވަރުންގެ ވަށައިގެންވާ މާހައުލުން ފެންނަން ވާނީ ރިވެތި އަޚުލާޤާއި ރިވެތި ބަސްތަކުން މީހުންނާއި މުޚާތަބު ކުރެވޭ މަންޒަރުކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ، އެކަކު އެކަނި ކުރާ މަސައްކަތުން ބައެއް ކަންކަމަކީ ކާމިޔާބު ނުކުރެވޭނެ ކަންކަން ކަމަށް ވިދާޅުވެފައެވެ. އަދި ކާމިޔާބީއާ ހަމައަށް ދެވޭނީ އެންމެން އެކުގައި ގުޅިގެން ކުރާ މަސައްކަތުން ކަމުގައި ވެސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ތަޢުލީމީ ހަޔާތް ނިންމާފައި ނުކުންނަ ދަރިވަރުންނަކީ، ދިރިއުޅުމަކަށް ތައްޔާރުވެފައިވާ މަސައްކަތް ދަސްވެ އަދި މުޖުތަމަޢަށް އަހުލުވެރިވެފައިވާ އަދި ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ ދަރިވަރަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެދަރިވަރަކީ އުފެއްދުންތެރި އަމިއްލަ މަސައްކަތުން ދިރިއުޅެވޭނެ ދަރިވަރަކަށްވެސް ވާންޖެހޭނެ ކަމަށާއި އެކަން ކުރެވެން އޮތީ މުޅި މުޖުތަމަޢަށް އޮތް ޒިންމާއަދާކުރެވިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.