ސްޕެނިޝް ލަލީގާގައި މިރޭ ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށްފިއެވެ. މިރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މި ސީޒަންގައި ލީގުގައި ރެއާލުން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު، އެ ހަތަރު މެޗުން ވެސް އެ ޓީމް ވަނީ މޮޅުވެފައެވެ. ވުމާއެކު 12 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ރެއާލެވެ. ދެވަނާގައި އޮތީ މިރޭ ރެއާލް އަތުން ބަލިވި ބެޓިސްއެވެ. އެ ޓީމަށް ލިބިފައި ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ރެއާލުންނެވެ. މި ލަނޑު 9 ވަނަ މިނެޓުގައި ޑޭވިޑް އަލާބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވިނީސިއަސް ޖޫނިއާއެވެ. ފުރަތަމަ ފާހުގައި ބެޓިސްއިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަންޑު 17 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ސާޖިއޯ ކެނާލެސްއެވެ.
ރެއާލުން މެޗުން މޮޅުވި ލަނޑު 65 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރޮޑްރީގޯއެވެ. މި ލަނޑު ޖެހުމަށް ފުރުޞަތު ތަނަވަސް ކޮށްދީފައި ވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ވަލްވަޑޭއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!