މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހިންގާ ކޮމިޓީ އާ ދައުރަކަށް މިއަދު އިންތިޚާބު ކޮށްފިއެވެ.
އެމްޖޭއޭގެ ހިންގާ ކޮމެޓީ އާ ދައުރަކަށް އިންތިޚާބުކޮށްފައި ވަނީ އެކަމަށް މިއަދު ބޭއްވި ކޮންގްރެސްގައެވެ.
މިއަދު ހަވީރު 16:00 ގައި ސްޓެލްކޯ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ކޮންގްރެސްގައި އެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ ހަތް މަގާމަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. މި ކޮމެޓީއަށް އަލަށް ހަތަރު މެންބަރުން އިންތިހާބުވެފައިވާއިރު، ދެން އިންތިހާބުވީ ކުރިން ވެސް ތިބި ތިން މެންބަރުންނެވެ.
މިއަދުގެ ކޮންގްރެސްގައި އެމްޖޭއޭގެ ރައީސްގެ މަގާމަށް އިންތިހާބުކޮށްފައި ވަނީ ކުރިން ވެސް އެ މަގާމުގައި ހުރި ވަން އޮންލައިންގެ މެނޭޖިން އެޑިޓަރު އަލީ ރިފްޝާން އެވެ. އަދި، ނައިބު ރައީސް ކަމަށް އިންތިހާބު ކޮށްފައި ވަނީ ވަގުތު ނޫހުގެ ޑެޕިއުޓީ އެޑިޓަރު މުހައްމަދު ޔާމީނެވެ. ސެކެޓްރީ ޖެނެރަލްގެ މަގާމަށް ވެސް އިންތިޚާބުކޮށްފައި ވަނީ ކުރިން ވެސް އެ މަގާމުގައި ހުރި ދައުރުގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހްމަދު ނާއިފެއެވެ.
ބަޖެޓް ސެކްރެޓަރީގެ މަގާމަށް ކުރިން އެ މަގާމުގައި ހުރި އަދަދު ނޫހުގެ އެސޯސިއޭޓް އެޑިޓަރު ނާޒިމް ހަސަން އިންތިޚާބުކޮށްފައިވާއިރު، އެ ޖަމިއްޔާގެ އާންމު މެންބަރެއްގެ ގޮތުގައި ދައުުރު ނޫހުގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިން ނާޒިމް ވަނީ އިންތިޚާބު ކޮށްފައެވެ.
އެމްޖޭއޭގެ އެގްޒެކެޓިވް ކޮމިޓީގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ޖާގައަށް އިންތިޚާބުކޮށްފައި ވަނީ، އަދަދު ނޫހުގެ ނޫސްވެރިޔާ އައިޝަތު ނުޒުހާގެ އާއި މިހާރު ނޫހުގެ ސީނިއާ ރިޕޯޓަރު އާސިމާ ނިޒާރެވެ.
މިއަދުގެ ކޮންގްރެސްގައި ޖުމުލަ 78 ނޫސްވެރިން ބައިވެރިވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!