މާލެ ސިޓީ ކައުންސިލުން، މާލެ ސިޓީގައި އިތުރު ޕާކިން ޒޯނެއް ހަދައިފިއެވެ.
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ޕާކިން ޒޯނަކީ، މާލޭގައި މިނީ ބަހުގެ އޮޕަރޭޝަންތައް ހިންގުމަށް މަގުތަކުން ޖާގަ އުފެއްދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ.
މި ޕާކިން ޒޯނު ހަދާފައި ވަނީ އަމީނީ މަގު މާފަންނު ދަނޑުތައް ހުންނަ ސަރަހައްދުގައެވެ. އަދި އަލަށް ހެދި މި ޕާކިން ޒޯނުގައި 335 ސައިކަލު ޕާކް ކުރެވޭނެ ޖާގަ ހުންނާނެ ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް، ބައެއް މަގުތަކުގައި ޕާކް ކުރުން މަނާކުރަން ނިންމާފައިވާތީ ޕާކް ކުރުމަށް ގެއްލޭ ޖާގައިގެ ބަދަލުގައި ޕާކިން ޖާގަތައް އިތުރު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. މި ޚިދުމަތް ފެށުމަށް ޖާގަ ތަނަވަސް ކުރުމުގެ ގޮތުން މަޖީދީ މަގުގައި ޕާކު ނުކުރެވޭ ގޮތް ވެސް މިހާރު ވަނީ ހަދާފައެވެ.
އަމީނީ މަގުގައި ހެދި ޕާކިން ޒޯނުގެ އިތުރަށް ދަރުބާރުގެ އިރަށް އޮތް ހުސް ބިމާއި، މަޖީދީ މަގުގައި ހުރި ސަރުކާރުގެ ހުސް ބިމެއްގެ އިތުރުން ކޮރަލް ބުލެވާޑް ކައިރީ އޮތް ހުސް ބިމުގައި ވެސް ޕާކިން ޒޯނެއް ހަދާނެ އެވެ.
The newly created parking zone; capacity 335 motorcycles. Ameenee Magu. As part of the process of making space for minibus operations. pic.twitter.com/QR1qS6tFx5
— Dr Mohamed Muizzu (@MMuizzu) September 2, 2022
މާލޭގައި މިނީ ބަހުގެ ޚިދުމަތް އަންނަ ހޯމަ ދުވަހު ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ބުނެފައެވެ. މިގޮތުން ފުރަތަމަ ދެ ހަފްތާގައި ކުރިއަށްދާނީ ޓެސްޓް ދަތުރުތަކެވެ. މި ދަތުރުތަކަށް އެއްވެސް ފީ އެއް ނުނަގާނެ އެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ދޭން ފަށަނީ 18 މިނީ ބަހާއެކުގައެވެ. ބަހުގެ ޚިދުމަތް މާލޭގައި ފެށުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު އެމްޓީސީސީން ވަނީ ވެފައެވެ. އަދި މި މިނީ ބަސްތަކަކީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.
ބަސް ދަތުރު މައިިގަނޑު 3 ރޫޓަކުން ބާއްވާނެއެވެ. އެއީ ސޯސަން ރޫޓް، އަމީނީ ރޫޓް އަދި އޯކިޑް ރޫޓްއެވެ. ސޯސަން ރޫޓްގައި 8 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ. އަމީނީ ރޫޓް އަދި އޯކިޑް ރޫޓްގައި 18 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!