ބިދޭސީ މަސައްކަތްތެރިންގެ އާންމު ސިއްހަތާއި ބެހޭ ކަންކަން އަދި ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް، ހ. ދ އަތޮޅުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް 22 ފަރާތަކުން ފުރިހަމަކޮށްފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާާޅުވީ، 'ޓްރެއިނިންގ ފޮރ ހެލްތު ވޯރކާސް އިން މައިގްރެންޓް ހެލްތު އެންޑް ކޮމިއުނިކެބަލް ޑިޒީސަސް' ގެ ނަމުގައި 31 އޮގަސްޓް 2022 ފެށި ދެ ދުވަހުގެ މި ތަމްރީން ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު މި މަހުގެ އެއްވަނަ ދުވަހު ބާއްވާފައިވާ ކަމަށެވެ.
މި ތަމްރީން ހދ. އަތޮޅުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 22 ފަރާތަކުން ފުރިހަމަކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.
ސާރކް ޑެވްލޮޕްމަންޓް ފަންޑުގެ އެހީގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ކުރިއަށް ގެންދިޔަ މި ތަމްރީން ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ޢަލީ އެވެ. މި ރަސްމިއްޔާތުގައި ބައިވެރިންނާއި މުޚާތަބުކޮށް ޑެޕިއުޓީ މޭޔަރ ދެއްކެވި ވާހަކައިގައި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ވަށާޖެހޭ އެންމެން ޝާމިލްވާގޮތަށް ފަރުވާދޭންޖެހޭކަން ފާހަގަކުރެއްވިއެވެ.
މިގޮތުން އާބާދީގެ ތެރޭގައި ހިމެނޭ މިފަދަ ވަލްނަރަބަލް ފަރާތްތަކަށް އިތުރު ސަމާލުކަމެއް ދޭންޖެހޭކަމާއި، އެފަރާތްތަކުގެ ސިއްހީ ފަރުވާއިން އެ ކަށަވަރުކުރެވެނީ މުޅި މުޖުތަމައުގެ މަސްލަހަތުކަން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ އަޙްމަދު ދާވޫދު (ޑޭވިޑް) ދެއްކެވި ވާހަކާގައި މިފަދަ ތަމްރީނެއްގެ މުހިންމުކަމާއި އެންމެ ބޮޑަށް މިކަން އިހްސާސްކުރެވުނީ ކޯވިޑްގެ ޢާލަމީ ވަބާގައި ރާއްޖެ ފުރަބަންދަށް ދާން ޖެހުން ހާލަތުގައިކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން އެފަދަ ފަރާތްތަކަށް ޑޮކިއުމެންޓް ކުރުމުގައި ހުރި ދަތިތަކަކާއި ބެލެނިވެރި ފަރާތެއް ނެތުމުން ފަރުވާ ދިނުމުގައި އައި ގޮން ޖެހުންތައް ހިއްސާކުރެއްވިއެވެ.
ކޯވިޑްގެ އެންމެ ބޮޑެތި ކްލަސްޓާ ތައްވެސް ފެނިފައިވަނީ ބިދޭސީން ދިރިއުޅެމުން ދިޔަ ގެ ތަކުންކަމާއި މުޖުތަމައުގެ އާންމު ސިއްހަތުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެންމެހާ ފަރާތްތައް ޝާމިލްކުރެވެން ޖެހޭކަށް ވެސް ޑޭވިޑް ވިދާޅުވިއެވެ.
ޑޭވިޑްގެ ވާހަކާގައި ޖަޕާން އަދި ކޮރެޔާ ފަދަ ކުރިއަރާފައިވާ ޤައުމުތަކަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އާބާދީ ދަށަށް ދިއުން ކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ފާރޓިލިޓީ ރޭޓް ހުރީ ނެޗުރަލް ރިޕްލޭސްމަންޓް ރޭޓަށްވުރެ ދަށުގައިކަން ފާހަގަކުރެއްވިއެވެ. އަދި ތަރައްޤީގެ ހަލުވި ބާރު ކުރެވެން އޮތީ ބިދޭސީންނާއި އެކީ ކުރެވޭ މަސައްކަތުން ވެސް ފާހަގަ ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!