މާލޭގައި މިނީ ބަހުގެ ޚިދުމަތް އަންނަ ހޯމަ ދުވަހު ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް އާޒިމް ވިދާޅުވީ ފުރަތަމަ ދެ ހަފްތާގައި ކުރިއަށްދާނީ ޓެސްޓް ދަތުރުތަކެއް ކަމަށެވެ. މި ދަތުރުތަކަށް އެއްވެސް ފީ އެއް ނުނަގާނެ ކަމަަސް އޭނާ ވިދާޅުވިއެވެ. މިއީ އާރުޓީއެލްގެ ހުރިހާ ހިދުމަތެއް ވެސް ދެމުން އަންނަ ގޮތެވެ.

Ad
rt

މިނީ ބަހުގެ އަގުގެ ގޮތުގައި އެމްޓީސީސީން ކަނޑައަޅާފައިވަނީ 7 ރުފިޔާއެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ދޭން ފަށަނީ 18 މިނީ ބަހާއެކުގައެވެ. ބަހުގެ ޚިދުމަތް މާލޭގައި ފެށުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު އެމްޓީސީސީން ވަނީ ވެފައެވެ.

އެމްޓީސީސީން މިނީ ބަސްތަކަކީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. 18 ބަހުގެ ތެރެއިން 8 ބަހަކީ، ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ބަސްތަކެކެވެ.

ބަސް ދަތުރުތަކުގައި ސްކޫލް ކުދިންނާ 65 އަހަރުން މަތީގެ މީހުން، އަދި 3 އަހަރުން ދަށުގެ ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރުކުރެވޭނެއެވެ.

ބަސް ދަތުރު މައިިގަނޑު 3 ރޫޓަކުން ބާއްވާނެއެވެ. އެއީ ސޯސަން ރޫޓް، އަމީނީ ރޫޓް އަދި އޯކިޑް ރޫޓްއެވެ. ސޯސަން ރޫޓްގައި 8 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ. އަމީނީ ރޫޓް އަދި އޯކިޑް ރޫޓްގައި 18 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ބަސް ދަތުރު އޮންނާނީ ފަތިހު 5:45އިން ފެށިގެން، ދަންވަރު 12:15އަށެވެ. އަދި ކޮންމެ 10 މިނެޓަކުން ސްޓޮޕަށް ބަސް މަޑުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.