އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ފުރަތަމަ ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް އެންމެ ފަހުން ކުޅުނު ތިން މެޗު ކާމިޔާބުކޮށްފިއެވެ. ރޭ ލެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޔުނައިޓެޑުންނެވެ.
މި ސީޒަންގެ ލީގުގައި ފުރަތަމަ ޔުނައިޓެޑް ކުޅުނު ދެ މެޗުން ބަލިވުމާއިއެކު ކޯޗަށާއި ކުޅުންތެރިންނަށް ވަނީ ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފައެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު ތިން މެޗު އެ ޓީމް ކާމިޔާބުކުރުމާއި ގުޅިގެން ޔުނައިޓެޑަށް މިވަނީ ހަމަޖެހުމެއް ލިބިފައެވެ.
ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ މާގިން ފުރުޞަތުތަކެއް ތަނަވަސް ކުރެވިފައި ނުވެއެވެ.
މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ރަޝްފޯޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޖޭޑަން ސްނަޗޯއެވެ. ސަންޗޯ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ލެސްޓާގެ ގޯލް ކީޕަރު ކައިރުން ނައްޓާލުމަށް ފަހު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މުޅި މެޗުގައި ވެސް ލެސްޓާ އިން ޔުނައިޓަޑްގެ ގޯލަށް ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާއަކީ ޖޭމްސް މެޑިސަން ހިލޭޖެހުމަކުން ފޮނުވާލި ހަމަލާއެވެ. ގޯލުގެ މަތީކަނަށް އަމާޒުވި، މެޑިސަންގެ ހަމަލާ ޔުނައިޓަޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ ދިފާއުކޮށްފައެވެ.
މި މޮޅާއިއެކު ކުޅުނު ފަސް މެޗުން ލިބުނު 9 ޕޮއިންޓާއިއެކު ޔުނައިޓެޑް ވަނީ ޕޮއިންޓް ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. މިވަގުތު ތާވަލުގެ ފުލުގައި އޮތް ލެސްޓާ އަށް ކުޅުނު ފަސް މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. މިހާތަނަށް އެ ޓީމަށް މޮޅެއް ހޯދިފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!