މި އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ކުޅުދުއްފުށީ "ކަކާގެ" ގޭގައި ހުރި ބައެއް ތަކެތީގައި ރޯކޮށްލި މައްސަލާގައި އެރަށު މީހަކު ހައްޔަރު ކޮށްފިއެވެ.

"ކަކާގެ" ގައި ބަހައްޓާފައިހުރި ސައިކަލެއްގެ އިތުރުން އެ ގޭގެ އަސްކެނީގެ ސީލިންގ އާއި ރަށު ޕިކަޕެއްގައި އަލިފާން ރޯވެ ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.

Ad
rt

ފުލުހުން ވިދާޅުވީ މި މައްސަލާގައި ކޯޓް އަމުރެއްގެ ދަށުން 30 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހާގެ ބަންދުގެ މުއްދަތަށް 7 ދުވަސް ކުޅުދުއްފުށީ ކޯޓުން ޖަހާދީފައިވާ ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގި ދުވަހު ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ލަތީފު ވަނީ އެއީ ބަޔަކު ގަސްތުގައި ރާވައިގެން ދީފައިވާ ހަމަލާއެއްކަން އިނގޭ ކަމަށް ވިދާޅުވެފައެވެ. އެކަމުގެ ހެކި ހާދިސާ ހިނގި ތަނުން ފެންނަށް ހުރިކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވިނަމަވެސް އެ ގެޔަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން ސައިކަލަކާއި ރަށު ޕިކަޕެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މީގެ އިތުރުން އެގެޔާއި ޖެހިގެން ހުރި "ނަހާގެ" އަށްވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައި ވެއެވެ.