ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޔޫސުފް ސިރާޖު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޔޫސުފް ސިރާޖް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް މިއަދުން ފެށިގެން އައްޔަންކޮށްފައިވާ ކަމަށެވެ.

Ad
rt

ޔޫސުފް ސިރާޖު ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ ނޮވެމްބަރު 2019 ގައެވެ. އޭނާ ވަނީ އޭގެ ކުރިން 2011-2014 އަށް ހއ. އަތޮޅުގެ ކައުންސިލަރިކަން ވެސް ކުރައްވާފައެވެ.

އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައެވެ.

ސިރާޖު އެ މަގާމަށް އައްޔަންކޮށްފައި މިވަނީ ކުރިން އެކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި އާދަމް މުހައްމަދު މަގާމުން ވަކިކުރުމަށްފަހު އެ މަގާމަށް މީހަކު އައްޔަކު ނުކޮށް ފަސް މަސް ދުވަސް ފަހުންނެވެ. ވެމްކޯގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި އާދަމް މުޙައްމަދު މިހާރު ހުންނަވަނީ ޕޯސްޓް ލިމިޓެޑްގެ އެމްޑީގެ މަގާމުގައެވެ.

އާދަމް މުހައްމަދު ވެމްކޯގެ އެމްޑީގެ މަގާމުން ވަކިކުރީ މިއަހަރުގެ މާޗް 14 ވަނަ ދުވަހުއެވެ.