ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ހަތަރު ވަނަ ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް އެ ޕާޓީން ފަށައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ ޖޭޕީގެ މައި ޖަގަހަ، ކްނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ލީޑަރު، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާޙީމް ވިދާޅުވީ، އެ ޕާޓީގެ ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މިގޮތުން އެކަމަށް ހަތް މެންބަރުންގެ ސްޓިއަރިން ކޮމެޓީއެއް އެ ޕާޓީގެ ކައުންސިލުން ނަގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަކީ ހުރިހާ ބޭފުޅުންނާއެކުވެސް މަސައްކަތް ކުރެއްވޭނެ ބޭފުޅެއް ކަމަށެވެ. އަދި ޖޭޕީގެ ހަޔާތުގައި މިހާތަނަށް އައި އިރު ޖޭޕީގެ މެމްބަރުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ދެއްކެވި ވާހަކާގައި ވިދާޅުވީ، ޖޭޕީއާ އަލަށް ގުޅޭ ކޮންމެ މެމްބަރަކަށްވެސް ޕާޓީގެ ހުރިހާ މެމްބަރުންވެސް އިޚްލާސްތެރި މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ޕާޓީއާ ގުޅުނު ހިސާބު ބަލައި އެމީހަކާ މެދު އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި، ޖޭޕީގެ ކޮންގްރެސްއަށް ތައްޔާރު ވުމަށާއި، ގޮފި ހަދައި، ދާއިރާ ރައީސުން އިންތިޚާބު ކުރުމަށް އެ ޕާޓީގެ ކައުންސިލުން ނަގާފައިވާ ސްޓިއަރިން ކޮމެޓީގެ ޗެއާ، ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވިދާޅުވީ، އެ ޕާޓީގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ހެދުމަށް އެކަމަށް އެދޭ ޕާޓީގެ މެންބަރުންނަށާއި، އަލަށް ޕާޓީއާ ގުޅެން ބޭނުންވާ މެންބަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އަންނަ ނޮވެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުޞަތު އޮންނާނެކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ކޮމެޓީގެ ވައިސް ޗެއާ، ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޖޭޕީގެ އިސްތިއުނާފް ކޮމެޓީގެ ޗެއާ، ހުސައިން ޝަޙުދީ ވިދާޅުވީ، ޖޭޕީއަށް މެންބަރުން އިތުރުކޮށް ގޮފިތައް ހެދުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު އެ ޕާޓީގެ މެންބަރުންނަށް ހުޅުވިފައިވާ ކަމަށެވެ. އަދި އެ މަސައްކަތަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ޕާޓީގެ ޓީމުތައް ވަރަށް އަވަހަށް ދަތުރުތައް ފަށާނެ ކަމަށް ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭޕީން ބުނިގޮތުގައި އެ ޕާޓީގެ ކޮންގްރެސް އަންނަ ޑިސެމްބަރުގައި ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!