މިއީ ހދ. ކުމުންދޫއަށް އުފަން އެ ރަށު ލޮނުމިދިލިމާގޭ އާދަމް ފާރޫޤެވެ. އުމުރުން އެންމެ 33 އަހަރުގައި ގޮތް ނޭނގޭ ހަމުގެ ބައްޔެއް ތަހަންމަލު ކުރަމުން އަންނަ ޒުވާނެކެވެ.

އާދަމް ފާރޫޤްގެ ހާލަތާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ހިއްސާކުރަމުން، އޭނާގެ ބޭބެ މުޙައްމަދު ފާރޫޤް ބުނެފައިވަނީ މީގެ ފަސްވަރަކަށް އަހަރު ކުރިން ކޮއްކޮގެ ފަރާތުން އެއްވެސް ބައްޔެއް ފާހަގަ ކުރެވިފައި ނުވާކަމަށެވެ.

Ad
rt

ނަމަވެސް ފާއިތުވެދިޔަ ފަސް އަހަރުތެރޭ ހަމުގެ ބައްޔެއް ފާހަގަ ކުރެވެން ފެށިކަމަށާއި، އެ ދުވަސްވަރު ޑޮކްޓަރަށް ދައްކައި ބޭސްކެއުމުން ނުވަތަ ބޭހެއް އުނގުޅާލުމުން ނުވަތަ ދިވެހި ބޭސް ކުރުމުން އެކަން ހައްލުވެގެންދާ ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް އެއްވެސް ފަރުވާއެއް ކޮށްގެން ހާލަތު ރަނގަޅު ވަމުން ނާންނަކަމަށް މުޙައްމަދު ބުނެއެވެ.

މިހާރުގެ ހާލަތު ސިފަކުރަމުން މުޙައްމަދު ބުނެފައި ވަނީ ކޮއްކޮގެ މުޅި ހަށިގަނޑުގެ ހަންގަނޑު ހިކި ވާންވެ ފަޅަފަޅައިގެން ގޮސް، ފަޅައިގެންދާ ތަންތަނުން ލޭ އަންނަ ކަމަށާއި، އަދި ހިކިފައި ހުންނަ ހަންތައް ފޮތިފޮއްޗަށް ހަށިގަނޑުން ނެއްޓެމުންދާ ކަމަށެވެ. މި ބަލީގެ ސަބަބުން ކޮއްކޮގެ ސިފައަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ފަރުވާއަށް މާލެއަށާއި އިންޑިއާއަށް ވެސް ދެވިފައިވާ ކަމަށާއި ތަކުރާރުކޮށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވެސް ފަރުވާ ހޯދިފައިވާ ކަމަށެވެ. ނަމަވެސް ސީދާ މިއީ ކޮން ބައްޔެއްކަން މިހާތަނަށް ޔަޤީންވެފައި ނުވާކަމަށެވެ.

ވުމާއެކު އަނެއްކާވެސް އިތުރު ފަރުވާއަށް އިންޑިއާއަށް ދާން ތައްޔާރުވަމުން އަންނަ ކަމަށާއި، އެއްމަސް ދުވަހުގެ ދަތުރަކަށް ތައްޔާރުވަމުން އައި ނަމަވެސް މިވަގުތު އެ ތަނަވަސްކަން އާއިލާގައި ނެތުމުން އާންމުންގެ އެހީތެރިކަމަށް އެދޭކަމަށެވެ.

އާދަމް ފާރޫޤަށް އެހީތެރިވުމަށް:
އަކައުންޓް ނަމްބަރު: 101 260658 7706
އެކައުންޓް ނަން: މުޙައްމަދު ފާރޫޤް
އިތުރު މަޢުލޫމާތު: 9672480 (މުޙައްމަދު ފާރޫޤް/ބޭބެ)