އިޓާލިއަން ސީރިއާ އޭގައި އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން ކުޅުން މެޗުން އެ ޓީމް އެއްވަރުވީއިރު، އިންޓަ މިލާނާއި ރޯމާއިން ކުޅުނު މެޗުތައް ކާމިޔާބު ކޮށްފިއެވެ.

ރޭ މިލާނާއި ސަސުއޯލޯ ބައްދަލުކުރި މެޗު ނިމިފައި ވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ފުރުޞަތު ވަނީ ލިބިފައެވެ. މެޗުގައި އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ ސަސުއޯލޯއަށެވެ. ފުރަތަމަ ހާފުގައި އެ ޓީމަށް ޕެނަލްޓީއެއް ލިބިފައިވާއިރު، އެ ޓީމްގެ ޑޮމެނިކޯ ބެރާޑީ ފޮނުވާލި ޕެނަލްޓީ މިލާންގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

Ad
rt

މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރޯމާއިން ވަނީ ރޭ އެ ޓީމް ކުޅުން މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފައެވެ. ރޯމާގެ އަމިއްލަ ދަނޑުގައި މޮންޒާއާއި ދެކޮޅަށް ކުޅުނު މެޗު ރޯމާއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ފާހުގައި ރޯމާއިން ދެ ލަނޑު ކާމިޔާބު ކޮށްފައިވާއިރު، އެ ދެލަނޑު ވެސް ޖަހައިދީފައި ވަނީ ޕައުލޯ ޑިބާލާއެވެ. ޑިބާލާ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ މެޗުގެ 18 ވަނަ މިނެޓުގައި ޓަމީ އަބްރަހަމް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. ޑިބާލާ ދެވަނަލަނޑު ކާމިޔާބު ކޮށްފައި ވަނީ މެޗުގެ 32 ވަނަ މިނެޓުގައެވެ.

މެޗުގައި ރޯމާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު 61 ވަނަ މިނެޓުގައި ޕެލްގްރީނީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރޮޖާ އިބަނޭޒްއެވެ.

އިންޓަ މިލާނުން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ކްރެމޮންނީސޭއާއި ބައްދަލުކޮށް ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

އިންޓަ އިން ރޭގެ މެޗުގައި ލީޑުނެގީ ޔަކީން ކޮރޭއާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މެޗުގެ 38 ވަނަ މިނިޓްގައި އިންޓަގެ ދެ ވަނަ ލަނޑު ޖެހީ ނިކޯލޯ ބަރޭލާ އެވެ. މިއީ އޭރިއާތެރެއިން ހަކަން ޗަނޮނޮގްލޫ ނަގައިދިން ހުރަހަކުން ބަރޭލާ ވޮލީ އަކުން ކާމިޔާބު ކޮށްދިން ލަނޑެކެވެ. މެޗުގެ 76 ވަނަ މިނިޓްގައި އިންޓަގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ލަޓާރޯ މާޓީނޭޒްއެވެ. ކްރެމޮނީސޭގެ ހަމައެކަނި ގޯލު މެޗުގެ 90 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑޭވިޑް އޮކެރޭކޭ އެވެ.

މި ނަތީޖާތަކާއިއެކު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ރޯމާއެވެ. އެ ޓީމަށް ކުޅުނު 4 މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އިންޓަ އޮތީ ކުޅުނު 4 މެޗުން ލިބުނު 9 ޕޮއިންޓާއި އެކުގައެވެ. ތިންވަނާގައި އޮތް މިލާނަށް ލިބިފައި ވަނީ 4 މެޗުން 8 ޕޮއިންޓެވެ.