ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ވިދާޅުވީ މިތަކެތި އަތުލައިގަތުމަށްފަހު، މި ތަކެއްޗާއި މި މައްސަލާގައި ޝާމިލްވާކަމަށް ތުހުމަތުކުރެވޭ މީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

Ad
rt

ކަސްޓަމްސްއަށް މަސްތުވާތަކެތި އަތުލައިގަނެވުނީ މިދިޔަ ޖޫން 29 ވަަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ޕާރުސަލްތައް ބަލަމުން ދަނިކޮށެވެ. އެއީ މެފެޑްރޯން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު އެއް މިލިއަން ރުފިޔާއަށް އަރާއިރު އޭގެ ބަރުދަނުގައި 526 ގުރާމް ހުރި ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުންނާ ހަވާލުކޮށްފައި ވަނީ ދިވެހި ފިރިހެނެކެވެ.

ކަސްޓަމްސްއިން ވިދާޅުވީ، މިއީ މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް މިއަހަރު އަތުލައިގަނެވުނު ދެވަނަ ފަހަރު ކަމަށެވެ.