ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑަށް ރޭ ބަޔަކު ގެއްލުން ދީފިއެވެ.

ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް މުޙައްމަދު މުސްތަފާ ''ތިލަދުން'' އަށް ވިދާޅުވީ، ފުޓްސަލް ދަނޑުގައި އަޅާފައި ހުރި މެޓްތައް އުކާލައި، ގެއްލުން ދީފައި ހުރިކަން އިނގުނީ ބަޔަކު ފަތިހު އެ ދަނޑަށް ކުޅެން ދިޔުމުން ކަމަށެވެ.

Ad
rt

''ކޮންމެ ރެޔަކު ވެސް ފަތިސް ނަމާދުކޮށްގެން ދަނޑަށް ކުޅެންދާ ސާޅީސް ޕްލަސްގެ ޓީމެއް އުޅޭނެ، އެ މީހުން ކުޅެންދިޔައިރު ދަނޑުގެ މެޓްތައް ހުރީ އުކާލާފައި'' މުސްތަފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ދަނޑަކީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުޅެން ބޭނުން ކުރަންފެށި ދަނޑެއް ކަމަށެވެ. އަދި ދަނޑުގައި ކުޅެވޭގޮތް ހެދީ އޭރުގެ ކައުންސިލަށް ދަންނަވައިގެން ޒުވާނުންގެ އަމިއްލަ މަސައްކަތުން ކަމަށެވެ.

އެ ދަނޑަކީ މިވަގުތު އެރަށުގައި ކުޅެވޭ ގޮތަށް އޮތް ހަމައެކަނި ދަނޑުކަމަށް މުސްތަފާ ވިދާޅުވިއެވެ.

ނޮޅިވަރަމް ބޮޑު ދަނޑު ޓާފް ދަނޑެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމައި، އެމަސައްކަތްފަށައި ނުނިމި ދިގުލައިގެން ދާތީ އެރަށު ޒުވާނުންގެ ބަޔަކު މީގެ ކުރިން ވަނީ ނުރުހުންފާޅުކޮށް އިހުތިޖާޖުތައް ވެސް ކޮށްފައެވެ.